ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ މި ހާއްސަ ހާލަތުގައި، ދިވެހި ރައްޔިތުންނަށްވެސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރެވޭނެ އުސޫލުތަކެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ކޮވިޑުގެ ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު:

  • އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، 2 ޙަރަމުން ކުރެ ޙަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހެއްދުން. (ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް)
  • ދިވެހިރާއްޖޭގައި ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ކޮވިޑް-19 އަށް ނެގެޓިވް (ސައުދީއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ) ޓެސްޓް ސެޓިފިކެޓެއް އޮތުން.
  • އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން
  • ސައުދީއަށް އެތެރެވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވުން

ސައުދީގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައި ވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސައުދީއަށް އެތެރެވާ ވަގުތުން ފަށައިގެން، އެނބުރި، ރާއްޖެ އައުމާ ހަމައަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އެޅުނު ހުރަސްތަކާއި، ސައުދީއާއި އެހެންވެސް ބައެއް ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމާއެކު، ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި އުމްރާގެ އަޅުކަމާ ގުޅޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް، ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު، ޢަބްދުﷲ ޝާހިދު، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކުރައްވާފައި ވާ ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސައުދީއިން މިދިޔަ އަހަރު އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ.