މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ތައްޔާރުވަމުންދާ އިރު އާބާދީގައި ހިމެނޭ 16 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ނުޖަހާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް ވެކްސިންއާ ގުޅޭ ގޮތުން އާންމު ކުރި މައުލޫމާތުގައި އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރު ފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެއް ކަމަށެވެ. އެގޮތުން ވެކްސިން ޓެސްޓު ކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމަނާފައި ނުވާތީ އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިންއާ ގުޅޭ ގޮތުން އިތުރަށް އެޗްޕީއޭއިން ބުނީ، ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް އެކި އެކި އަސަރު ކޮށްފާނެ ކަމަށެވެ. އެގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ 'ކޮވިޝީލްޑް' ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް ހިމެނެއެވެ. ހަމައެއާއެކު ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، މޭނުބައިކުރުން އަދި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުންނަށް ޖަހައިގެން ޓެސްޓްކުރުމުގެ މަރުހަލާގައި ވާއިރު، 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީގައި ޓެސްޓްކުރަމުންނެވެ. އަދި ވެކްސިން ޓެސްޓްކުރުމުގެ ތިންވަނަ މަރުހަލާގެ ތެރޭގައި 15 ވެކްސިނެއް ފުޅާ ދާއިރާއެއްގައި ޓެސްޓްކުރެވެމުން އެބަދެއެވެ.

އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ 100،000 ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ޝިޕްމަންޓްގެ އިތުރުން, ކޯވިޑް-19 ވެކްސިން ހޯދުމަށްޓަކައި ދިވެހިރާއްޖެއިން ވަނީ ހަމަހަމަ ކަމާއެކު ރައްކާތެރި ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ.

ކޯވެކްސް ފެސިލިޓީގެ ތެރެއިން ދިވެހިރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ދަނީ އެސްޓްރާޒެނެކާ (AstaZeneca) ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސަމުންނެވެ. އެގޮތުން ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.