ގއ ވޮޑަމުލާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލުކަމަށް ރައުޔު ނެރުއްވި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އާ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޔާމީންގެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރި އިރު ތިން ފަނޑީޔާރުންގެ ތެރެއިން ރައުޔު ތަފާތުވި ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ، ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން މިހާރު ބަލަމުން ދަނީ 2019 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ ދެ ސުލޫކީ މައްސަލަ ކަމަށެވެ. އޭގެތެރެއިން އެއް މައްސަލަ އަކީ އެ އަހަރު އޮގަސްޓް މަހު ބަލަން ފަށާފައިވާ މައްސަލައެއް ކަމަށާއި ދެވަނަ މައްސަލައަކީ އެ އަހަރު އޮކްޓޯބަރު މަހު ބަލަން ފަށާފައިވާ މައްސަލައެއް ކަމަށް އިޒްމީރާ ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތަފްސީލް ހާމަ ކުރަވަމުން އިޒްމީރާ ވިދާޅުވީ، އޮގަސްޓް މަހު ބަލަން ފަށާފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ފަނޑިޔާރު ޝަހީދަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހު ކޮޅު ފޮނުވާފައި ވާނެ ކަމަށެވެ. އަދި ފަނޑިޔާރު ޝަހީދު ވަނީ އެ ރިޕޯޓަށް ޖަވާބުދާރީ ވެވަޑައިގެންފައި ކަމަށާއި މިހާރު އޮތީ އެ މައްސަލައާ މެދު ޖޭއެސްސީން ގޮތެއް ނިންމުން ކަމަށް އިޒްމީރާ ވިދާޅުވިއެވެ.
މީގެ އިތުރުން އޮކްޓޯބަރު މަހު ބަލަން ފަށާފައިވާ މައްސަލައަކީ ފަނޑިޔާރު ސުޖާއު އުސްމާނާ ފަނޑިޔާރު ހުސައިން ޝަހީދަށް ރައްދުވާ މައްސަލައެއް ކަމަށް އިޒްމީރާ ވިދާޅުވިއެވެ. މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހަމައެކަނި ފަނޑިޔާރު ޝަހީދުގެ މައްސަލަ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި މި މައްސަލައިގައި މިހާރު މަސައްކަތް އޮތީ ތަހުގީގީ ރިޕޯޓު އެކުލަވާލުމުގެ މަރުހަލާގައި ކަމަށް އިޒްމީރާ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓިއެވެ. ނަމަވެސް އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ރައުޔު ތަފާތުވިއެވެ.
ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެއް ކަމުގައިވާތީ އަދީބުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވެސް ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކަށް ޖަމާކުރި ފައިސާ ނޫން ކަމަށާއި އެ ފައިސާއިން މަންފާ ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓުގައި ބެހެއްޓުމަށްފަހު އެހެން ފައިސާ ޖަމާކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ޝަހީދު ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ހައިކޯޓުގެ ފަނޑިޔާރުކަން ވަނީ ދިފާއެވެ. ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އޭރު އެ ކޯޓަށް ހުށަހެޅިފައިވާ ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތަކާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ އޭނާ ބެއްލެވިއެވެ.