ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ފައިސާއަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިޔާނަތްތެރިވި ކަމަށް ވިދާޅުވެ އޭނާއަށް ތުހުމަތުކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދެވެ. ފުލުހަށް ފާރިސްގެ މައްސަލަ ހުށަހަޅުއްވައި ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވި ކަމަށާއި އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް މައުމޫން ވިދާޅުވީ އެ ފައިސާ ލިބިވަޑައި ނުގަންނަވާ ކަމަށެވެ.
އެއްވެސް ހެއްކެއް ނެތި އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާ އިރު ހިޔާނާތުގެ ތުހުމަތު އަމާޒު ވަނީ ފާރިސްގެ މައްޗަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ހެކި ހުށަހަޅާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
ޖާބިރު އަތުން 29 މިލިއަން ރުފިޔާ މައުމޫން ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ އޮގަސްޓް 22، 2019 ގައެވެ. ނަމަވެސް ޖާބިރު ވަނީ އޮކްޓޯބަރު 26، 2019 ގައި އެ މައްސަލަ ނަންގަވާފައެވެ. އޭރު އެމައްސަލަ އަނބުރާ ނެންގެވި ސަބަބަކީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމަކަށް ކަމަށާއި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މައާފު ދެއްވާފައިވާ ކަމަށް އޭރު ޖާބިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެ މައްސަލަ ކުރިއަށް ގެންގޮސް ވަނީ ސިވިލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މައުމޫނަށް ދެއްވި 29 މިލިއަން ރުފިޔާ އަނބުރާ ނުދެއްވާ މައްސަލައިގައި ޖާބިރު ވިދާޅުވެފައި ވަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހަވާލު ކުރެއްވީ ދެ ފަރާތުން އެއްބަސްވި ގޮތަށް ކަންތައްތައް ނުދާ ކަމުގައިވާ ނަމަ އެ ދަރަންޏަށް ކުރީގެ މައުމޫން ޒިންމާވެ ވަޑައިގަންނަވާ ގޮތަށް ކަމަށެވެ. ނަމަވެސް ޖާބިރުގެ އެ ތުހުމަތު މައުމޫން ދޮގު ވަނީ ދޮގު ކުރައްވާފައެވެ. މައުމޫން ވިދާޅުވެފައި ވަނީ އެ ފައިސާ އެ މަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާ ކަމަށެވެ. ނަމަވެސް މައުމޫނަށް ރައްދު ކުރެއްވުމަށް އެދި ފައިސާ ހަވާލު ކުރެއްވީ ފާރިސްއާ ކަމަށް ޖާބިރު ވަނީ ވިދާޅިވެފައެވެ.