ކުރީގެ ރަައީސް އަބްދުﷲ ޔާމީނަށް ދޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު އެލުވައެއް ނުލެވޭނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ހިތްވަރު އެލުވައި ނުލެވޭނެ ކަމަށާއި، އަޒުމް ވެސް ގުޑުވައި ނުލެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަން ކުރައްވާ، 2023 ވަނަ އަހަރު އެމަނިކުފާނު އިންތިހާބުކޮށް، ވެރިކަމަށް ގެންދަވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ޕީޕީއެމްގެ މެންބަރުން ހިތްވަރު ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި މިއީ ވެސް ދުވަހެއް ކަމަށާއި، ހިތްދަތި ދުވަސް ތަކަކަށް ފަހު އުފާވެރި ދުވަސްތައް ބައްދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މިމޭރުމުން ވާހަކަ ދައްކަވަމުން ގެންދަވަނީ، އިއްޔެ ހައި ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މިއަދު ހަވީރު އައްޑޫގައި އަދި ރޭ މާލޭގައި އިހުތިޖާޖުވެސް ކޮށްފައެވެ. މި އިހުތިޖާޖުތަކުގައި ބައިވެރިން ގޮވާލަމުން ގެންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، މިނިވަން އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށެވެ.

އިއްޔެ ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔަރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ވަނަ ދުވަހު އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކޮށް ދިނުމަށް އެދި ވެސް ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ.