ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫ ސިޓީ ހިތަދޫގައި އިހުތިޖާޖު ކޮށްފިއެވެ.

އައްޑޫ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ކޮށްފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޯޑުތަކާއެކުއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމުގެ އިތުރަށް އިހުތިޖާޖުގެ ބައިވެރިން ވަނީ މިނިވަން އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް ވެސް ގޮވާލާފައެވެ.

މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހައި ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ނޮވެމްބަރު 2019ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

އިއްޔެ ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔަރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.

ނޮވެމްބަރު 28، 2019 ވަނަ ދުވަހު އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކޮށް ދިނުމަށް އެދި ވެސް ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ.