ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ ހުކުމަށް ތާއިދު ކޮށްފިއެވެ.

މި މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް ކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު މަޒީދު ރައުޔު އިއްވަވަމުން ވިދާޅުވީ، ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލި، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާ ކަމަށް ބުނާނަމަ އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ފަނޑިޔާރު މަޒީދު ވިދާޅުވީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ހާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަދި އާދަމް ޝަމީމް

ފަނޑިޔާރު ނިޔާޒްގެ ރައުޔު އިއްވަވަމުން ވިދާޅުވީ، އިސްތިއުނާފު ކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރު ވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީއަތް ދިގުލައިގެން ދިޔަ ކަމަށެވެ. އެހެންކަމުން ވަކީލުން ހުށަހަޅާ ހުށަހެޅުންތައް ވީހާވެސް ސާފުކޮށް ހުށަހެޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރާށް ވިދާޅުވީ، ރައީސް ޔާމީންގެ ބަޔާނުގައި ބުނާ ގޮތުން އެސްއޯއެފަކީ އެމަނިކުފާނު ދަންނަ ކުންފުންޏެއް ނޫން ކަމަށާއި ނުދަންނަ ކުންފުންޏަކުން އެކައުންޓަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރާ ހާލަތުގައި، އެ ފައިސާ ޖަމާކުރީ ކީއްވެތޯ އެމަނިކުފާނު ޔާމީން ހިތާ ހިތާ ސުވާލު ކުރެވެން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު މަޒީދެކޭ އެއްފަދައިން ފަނޑިޔާރު ނިޔާޒް ވެސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު ޝަހީދުގެއެވެ. ފަނޑިޔާރު ޝަހީދު ރައުޔު އިއްވެވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

ވޮޑަމުއްލާ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް ކުރުން ހައިކޯޓުގައި - ފަނޑިޔާރުންގެ ބެންޗު

3 ގަޑިއިރަށް ދެމިގެން ދިޔަ ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ގިނަ ކަންތައްތަކެއް ފަހަގަ ކުރައްވާފައި ވެއެވެ. އެގޮތުން، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އުފުލީ ތަފާތު ކުރުމުގެ ތެރެއިން އުފުލި ދައުވާއެއް ކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގުގައި ރައީސް ޔާމީނާ ސުވާލުކުރީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށްވީ ނަމަވެސް ދައުވާ އުފުލީ އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކޮށް، އިސްތިއުނާފް ކުރާ ފަރާތުގެ ހައްގުތައް ގެއްލޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން، އޭސީސީއާއެކު އެކްސްކްރޯ އެކައުންޓެއް ހަދާ، އެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން ވެސް އެމަނިކުފާނުގެ ހެޔޮ ނިޔަތް އެނގޭ ކަމަށެވެ.

ފަނޑިޔާރު ޝަހީދު އިތުރަށް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވެސް ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިއުމަކުން އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގޭކަށް ނެތް ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓުގައި ކުރިން ހުރި 831654 ލައްކަ ޑޮލަރާއި 41 ސެންޓަކީ ނެތް ފައިސާ އެއް ގޮތަށް ބަލާފައި ވަނީ ކޮން ހަމައަކުން ކަން ވެސް އެނގޭކަށް ނެތުމުން އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ފޮނުވީ ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ނުނިންމޭނެ ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.

ނޮވެމްބަރު 28، 2019 ވަނަ ދުވަހު އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކޮށް ދިނުމަށް އެދި ވެސް ހައި ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގެ ޖުމްލަ 7 އަޑުއެހުމެއް ހައި ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މިއަދު ވަނީ އެ މައްސަލާގައި ހުކުމް ކޮށްފައެވެ.