ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް 10 މަހެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، އަވަށްޓެރި ސްރީލަންކާއިން ފަތުރުވެރިންނަށް ވައިގެ ބޯޑަރު ހުޅުވާލައިފިއެވެ.

ސްރީލަންކާ ސަރުކާރާރުން އެ ގައުމުގެ ބޯޑަރުތައް ހުޅުވާލާފައި މިވަނީ، ކޮވިޑް-19ގެ ސަބަބުން އިންތިހާއަށް އިނދަޖެހުނު ފަތުރުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާގެ އިގުތިސޯދަށް ބަލާއިރު 5 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ބަލިމަޑުކަމުގެ ކުރިން، މި ސިނާއަތުން ސީދާ އާމްދަނީ ލިބެމުން ދިޔަ މީހުންގެ އަދަދު 250000 އަށް އަރައެވެ. ނުސީދާ އާމްދަނީ ލިބޭ މީހުންގެ އަދަދު 3 މިލިއަނަށް އަރައެވެ.

ލަންކާގެ ބޯޑަރުވެސް ހުޅުވާލާފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. އެގޮތުން އެ ގައުމަށް ޒިޔާރަތް ކުރުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާ ނެގެޓިވް ނަތީޖާއެއް ކޮންމެ ފަސެންޖަރެއްގެ އަތުގައިވެސް އޮންނަން ޖެހެއެވެ. މިއީ 72 ގަޑިއިރު ހަމަ ނުވާ ނަތީޖާއަކަށް ވުން ލާޒިމެވެ. އަދި އެމީހު ދާ ހޮޓަލަށް ގޮސް، 7 ދުވަސްފަހުން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ. ޕީސީއާރް ޓެސްޓެއްގެ އަގު، ލަންކާގައި މިވަގުތު އުޅެނީ 40 ޑޮލަރަށެވެ.

ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހިދުމަތް ކުރުމުގެ ހުއްދަ، 180 ހޮޓަލަކަށް ވަނީ ދީފައެވެ. ލަންކާއަށް އެތެރެވާ ފަތުރުވެރިންނަށް 14 ދުވަހުގެ ކަރަންޓީނު ލާޒިމެއް ނޫނެވެ. ދުރާލާ ބުކިންގް ހަދާފައިވާ ހޮޓާތަކުގެ ޕޫލްތަކާއި، ޖިމްތައް ބޭނުން ކުރުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް އޮވެއެވެ.

ސްރީލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، "ޓްރެވެލް ބަބްލް"ގެ މަންޒިލްތަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮވެއެވެ. މި ބަބްލްގައި 14 މަންޒިލެއް ހިމެނޭއިރު، މި ތަންތަނުގައި ލަންކާގެ އާންމުންނާއި ފަތުރުވެރިން މަސްހުނި ނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ޒިޔާރަތް ކުރާ ފަރާތްތަކުން ކޮވިޑް އިންޝުއަރަންސް ޕެކޭޖެއް ގަތުމަށް އެ ގައުމުން ލާޒިމު ކުރެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހިންގައިގަތުމަށް މިއަދު ހުޅުވާލީ ބަންޑަރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ސްރީލަންކާއަށް ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ.