ރާއްޖޭގައި އުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް އެމަނިކުފާނު ވިދާޅިވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށްފަހު، މިއަދަކީ، މި ބަލިން ސަލާމަތްވުމުގެ އުންމީދު އާ ވެގެންދާ ދުވަހެެއް ކަމަށެވެ. އަދި މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް ކަން އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.

މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ގައުމާ މުހާތަބު ކުރައްވާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވޭތުވެދިޔަ 10 މަސް ދުވަހަކީ، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަހައްމަލު ކުރި ދުވަސްތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު މިލިބޭ އާ އުންމީދާއެކީ ވެސް، ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި މިއަދު ވެސް އިލްތިމާސް ކުރައްވާނީ، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަމަލުތައް ބަހައްޓާ، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސާލުމަށާއި ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިބުމުގެ އިތުރުން ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށް ވެސް ރައީސް ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.