ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާނީ މިއަދު މެންދުރުފަހު 2:00ގައި ކަމަށެވެ.

މިއަދު ރައީސް ދައްކަވާ ވާހަކަފުޅުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިއަދު ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައި ވާއިރު، އަވަށްޓެރި އިންޑިއާގައި ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑް ވެސް މިއަދު ރާއްޖެއަށް ލިބޭނެއެވެ.

އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށް ދޭނެއެވެ. އިންޑިއާގެ ވެކްސިން ޝިޕްމަންޓް ރާއްޖެ އަންނާނީ މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 02:00 ގައެވެ.