ކޮވިޑް-19 ގެ ކާވް ތިރިކުރާ ފަދައިން، މި ސަރުކާރުގެ އަނިޔާވެރިކަމުގެ ކާވް ވެސް ތިރި ކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މާލެ އާއި ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ކޮވިޑުން ސަލާމަތް ކުރުމަށް ކުރި އެންމެ މުހިންމު ކަމަކީ ކާވް ފްލެޓު ކުރުން ކަމަށް ވާއިރު މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި، ދޭ ހިތްދަތިކަމާއި ދެކޮޅަށްވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އަނިޔާވެރިކަމުގެ ކާވްވެސް ތިރިކުރަން ޖެހިފައިވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ ފެނިގެން ދަނީ ގައުމު ކުރިއަށް ދިއުމުގެ ބަދަލުގައި، ފަހަތަށް ދާ މަންޒަރު ކަމަށާއި އޭނާއަށް ފެންނިވަޑައިގަންނަވާ ގޮތުގައި އެފަދައިން ދިމާވަނީ ވަކި ބަޔަކު ދައުލަތާ ހަވާލުވާ ކޮންމެ ދަނޑިވަޅެއްގައި ކަމަށެވެ.

ހަމަ އެފަދައިން މުޅި ރާއްޖެއަށް ހީނަރުކަން އަންނަ، އިޖުތިމާއީ ފޭރާން ގެއްލިގެންދާ، އިސްލާމް ދީނަށް ގޮންޖަހާ ވެރިކަން މިހާރު އޮތީ އައިސްފައި ކަމަށާއި މި ސަރުކާރު ދެމި އޮންނަހާ ހިނދަކު ރައްޔިތުންނަށް ދިމާވާ އަނިޔާވެރިކަމަށް ހައްލެއް ހޯދަން ޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ކަމަށް ފެންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކޮށްދީގެން ކަމަށެވެ.