ސިއްހީ ބޭސްފަރުވާގެ ރޮނގުން ބައިނަލްއަގުވާމީ މުޖުތަމައަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއަށް ލިބޭ ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، މުޅި ދުނިޔެ މިއަދު އެ އުފެއްދުމަށް ޑިމާންޑް ކުރަމުން އަންނަ ކޮވިޑް ވެކްސިން ޝިޕްމަންޓްތައް މާދަމާއިން ފަށައިގެން އިންޑިއާއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައި ވާ ކަން ބަޔާން ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.
އިންޑިއާއިން ބޭރަށް ކޮވިޑް ވެކްސިން ފޮނުވުމާ ގުޅޭ ގޮތުން އެގައުމުގެ ހާރިޖިއްޔާއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ވެކްސިން ހޯދުމަށް އެދި، އަވަށްޓެރި ގައުމުތަކާއި، ބައިނަލްއަގުވާމީ ބައިވެރިން، އިންޑިއާއަށް ހުށަހަޅާފައި ވާ ކަމަށެވެ.
ކޮވިޑް-19 އާ ދެކޮޅަށް އިންސާނީ ހަޟޯރަތުން ކުރަމުން އަންނަ ހަނގުރާމައަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާއިން އެހީގެ ގޮތުގައި ވެކްސިން ފޮނުވާ ގައުމުތައްވެސް އިންޑިއާގެ ހާރިޖިއްޔާއިން ވަނީ އާންމު ކޮށްފައެވެ. މާދައިން ފެށިގެން އިންޑިއާއިން ވެކްސިން ޝިޕްމަންޓް ފޮނުވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މިޔަންމާ އަދި ސީޝެލްސްއެވެ.
ސްރީލަންކާ، އަފްގާނިސްތާނު އަދި މޮރިޝަސްއަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ފަށާނީ އެގައުމުގެ ރެގިއުލޭޓަރުން އެ ކަމަށް ފެހި ސިގުނަލް ދިނުމުން ކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިން ބުނެއެވެ.
އިންޑިއާގެ ހާރިޖިއްޔާއިން ބުނީ، ކޮވިޑް-19ގެ ވެކްސިން ޑެލިވާ ކުރަން ފަށާއިރު، މިކަމާ ގުޅޭ އިދާރީ އަދި އޮޕަރޭޝަނަލް ތަމްރީނުތަކެއް މިއަދާއި މާދަމާވެސް ކުރިއަށް ދާނެ ކަމަށެވެ. ވެކްސިން ލިބޭ ގައުމުތަކުގެ ވެކްސިނާ ބެހޭ މެނޭޖަރުންނާއި، ކޯލްޑް ޗެއިލް އޮފިސަރުންނާއި، ކޮމިއުނިކޭޝަން އޮފިސަރުންނާއި ތަފާށް ހިސާބުތަކާ ބެހޭ މެނޭޖަރުންވެސް މި ތަމްރީނުތަކުގައި ބައިވެރިވާ ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ހަބަރު ދެއެވެ. މި ތަމްރީނުތައް ކުރިއަށް ދަނީ ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރާ 1 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ޝިޕްމަންޓް މާދަމާ މެންދުރު ފަހު 02:00ގައި ރާއްޖެއަށް ގެންނާނެ ކަން އިންޑިއާއިން ވަނީ ހާމަކޮށްފައެވެ. ރާއްޖެއަށް އެތެރެކުރާ ކޮވިޑް ވެކްސިނަކީ، ސަލާމާތްތެރިކަން ކަށަވަރު ކޮށްފައިވާ ވެކްސިންތަކަކަށް ވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ޔަގީންކަން ދެއެވެ.