ސީރިއާގައި ހިނގަމުން ދާ ހަނގުރާމާގައި ބައިވެރިވުމަށް ފަހު މިދިޔަ އަހަރުގެ ރާއްޖެ އައި މީހާ ބަންދުން ދޫކޮށްލާ، މޮނިޓަރިން އަށް ލައިފިއެވެ.

ފުލުހުން ބުނީ ސީރިއާގައި ހިނގަމުން ދާ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ކަމަށެވެ.

އޭނާ ދޫކޮށްލި ނަމަވެސް، ފުލުހުން ގެންދަނީ މޮނިކޮމް އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލާ މޮނީޓާ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ފަހު އެ މީހާ ރާއްޖެ އައިސްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 15 ވަނަ ދުވަހެވެ.

އެ މީހާއަކީ، ފުލުހުން ބަލަހައްޓަމުން ގެންދާ ފޮރިން ޓެރަރިސްޓް ފައިޓާސް ލިސްޓުގައި (އެފްޓީއެފް) ގައި ހިމެނޭ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މައްސަލަ ފެންމަތިވެފައި ވާއިރު ސީރިއާގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ އިއުލާން ކުރައްވައިފައެވެ.

އެފަދަ ގައުމުތަކަށް ހަނގުރާމަ ކުރަން ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެސް އަދި ހަރުކަށި ފިކުރުގައި ތިބި މީހުނަށް ރިހެބިލިޓޭޝަން ދޭން ލާޒިމުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ. އަދި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން އަނބުރާ ރާއްޖެ ގެންނަ ދިވެހިން ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް ކ. ހިންމަފުށީގައި އެޅުމުގެ މަސައްކަތް ފަށައިފައި ވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް އެނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެމީހުން ރާއްޖެ ނުގެނައުމަށް ގޮވާލާފައެވެ.

ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވާ ކަމަށެވެ.