ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ހުޅުވާލުމުގެ އަމުރަކަށް އެދި ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

ހައިކޯޓުން ބުނީ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށުމަށް ތާވަލް ކޮށްފައި ވަނީ މެންދުރުފަހު 2:00ގައި ކަމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މުހައްމަދު ތަސްލީމު ކިޔާ މީހެކެވެ.

އޭނާ ހުށައެޅި މައްސަލާގައި އެދިފައިވަނީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށާއި ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ތިންވަނަ މާއްދާގެ ހ ބާތިލުކޮށްދިނުމަށެވެ.

އެ މައްސަލަ ބާތިލުކުރުމަށް އެދިފައިވާ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުންކަމަށެވެ.އެ ގާނޫނުގެ ދަށުން އަލުން ކުރިމަތިލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ލިބިދެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.