ކޮވިޑްގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކަށް މަގުފަހިކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ ދިރާސާ ކުރާ ކޮމެޓީއަށް ފޮނުވައިފިއެވެ.
ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި އިންތިހާބާގުޅޭ ބައެއް މުއްދަތުތައް ކުރުކޮށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މިބިލު، ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ބަލައިގަތުމާއެކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ، އެ ބިލު ދިރާސާކުރުމަށް މިނިވަން މުއައްސާސަތަކާބެހޭ ކޮމިޓީއަށް ފޮނުވިއްޖެކަމަށް އިއުލާނުކުރައްވައިފައެވެ.
މިއަދު އެ މައްސަލަގައި ބަހުސް ކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު ވިދާޅުވެފައި ވަނީ އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރި ނަމަވެސް، އެކަމާއި ގުޅިގެން ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.
ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.