އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ހެދުމަށް ބޭނުންވާ ޑޮކްޓަރުންނަށް ފޯމް ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާ ކަމަށެވެ.

އެގޮތުން އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ 20 ފަރާތަކަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަ ކޮށްފައި ވުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތް ޑޮކްޓަރުންނަށް ވުން ހިމެނެއެވެ.

މެޑިކަލް އިންޓާންޝިޕް އަށް އެދި ފުރިހަމަ ކޮށްފައި ވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުން ތަކާއެކު ހުށަހަޅާނީ އައިޖީއެމްއެޗް މެޑިކަލް އިންޓާންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް އަށް ކަމަށް އައިޖިއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 12:00 އަށް މެޑިކަލް އިންޓާންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށެވެ.