ރާއްޖެ އާއި ނިކަރަގުއާގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނިކަރަގުއާގެ ފޮރިން މިނިސްޓަރު ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ފޯން ކޯލްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ތިމާވެށީގެ ދާއިރާ ފަދަ ދާއިރާތަކުގައި ބައިނަލްއަގްވާމީ މަސްރަހުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތާ ބެހޭ މައުލޫމާތު ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރު ޝާހިދު އަރުވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އދގެ ނިޒާމުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ހާރިޖީ ވަޒީރުން ވެސް އަރުވާފައިވާ ކަމަށެވެ.

ރާއްޖެއިން ނިކަރާގުއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވަނީ މެއި 10، 2010 ގައެވެ.