ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ޗީޕް އޮމްބަޑްޕާސަނަކާއި، 2 އޮމްބަޑްޕާސަނުން މިއަދު އައްޔަން ކުރައްވައިފިއެވެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފްއެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ، ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައި ވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިންނެވެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި އާރިފް ވަނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވާފައެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލު ކުރައްވާފައެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމެވެ. އޭގެ ކުރިން އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. ޖިހާދާ ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓާސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ހާސިލު ކުރައްވާފައެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާ ކުރައްވާފައެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލު ކުރައްވާފައެވެ.