ކޮވިޑްގެ މިހާލަތުގައި ވެސް އިގްތިސޯދު ކޮޅަށް ޖެހުމަށް ޗައިނާގެ ކުންފުނިތަކާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯން ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ ވެލާނާ އެއާޕޯޓުގައި ކުރަމުން ދާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތްތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ.
ޗައިނާ ސަފީރު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތައް ދުވަސް ކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާ އިރު، މީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އިގްތިސޯދު ރަނގަޅު ކުރަން މި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި މި ވަގުތު ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާގެ އެހެނިހެން ކުންފުނިތަކާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އެއާޕޯޓުގައި ކުރަމުން ދިޔަ މަސައްކަތްތައް ބައްލަވާ ލައްވަން ވަޑައިގަތީ އިއްޔެއެވެ. އަދި މިއަދު އެއާޕޯޓުގައި ކުރަމުންދާ މަސައްކަތްތަކާއި އޮަރޭޝަންސް އާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ޓޫރިސްޓުން ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރާ މި ދަނޑިވަޅުގައި މައި އެއާޕޯޓުގެ މަސައްކަތްތައް ވީހާވެސް އަމާންކަމާ އެކު ކުރިއަށް ގެންދާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެ މަސައްކަތުގައި އުޅޭ އެހެނިހެން ކުންފުނިތަކާއި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއާޕޯޓަށް ކުރެއްވި ޒިޔާރާތުގައި އެތަނުގައި ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް ފެނިވަޑައިގެން ކަމަށާއި އެކަމުން ވެސް އެމަނިކުފާނަށް އިތުރު ހިތްހަމަޖެހުމެއް ލިބިވަޑައިގެން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އެއާޕޯޓުގެ ގިނަ ތަރައްގީގެ މަސައްކަތްތައް ،ކުރަމުން އަންނަނީ ޗައިނާގެ ކުންފުނިތަކަކުންނެވެ. މީގެ އިތުރުން މިހާރު ވެސް ރާއްޖޭގައި ބައެއް މަޝްރޫއުތައް އަންނަނީ ޗައިނާ ކުންފުނިތަކުން ހިންގަމުންނެވެ. މީގެ ތެރއިން ބައެއް މަސައްކަތްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ފަށާފައިވާ މަސައްކަތްތަކެވެ.