ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރެވެމުން ދާ މަސައްކަތްތައް، ކުރިޔަށް ދާގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ކުރަމުން ދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އެއާޕޯޓަށް ޒިޔާރަތް ކުރެއްވީ އިއްޔެއެވެ. އަދި އެ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު އެމަނިކުފާނު ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއާޕޯޓުގައި މިހާރު ހިންގަމުން ދާ ތަރައްގީގެ މަޝްރޫއުތަކާއި އޮޕަރޭޝަންސް މަސައްކަތްތައް ބައްލަވާލެއްވުމަށް އިއްޔެ މައި އެއާޕޯޓަށް ވަޑައިގެން ކަމަށާއި އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެން ކަމަށެވެ.

ޓޫރިސްޓުން ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރާ މި ދަނޑިވަޅުގައި މައި އެއާޕޯޓުގެ މަސައްކަތްތައް ވީހާވެސް އަމާންކަމާ އެކު ކުރިއަށް ގެންދާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެ މަސައްކަތުގައި އުޅޭ އެހެނިހެން ކުންފުނިތަކާއި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާޕޯޓަށް ކުރެއްވި ޒިޔާރާތުގައި އެތަނުގައި ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް ފެނިވަޑައިގެން ކަމަށާއި އެކަމުން ވެސް އެމަނިކުފާނަށް އިތުރު ހިތްހަމަޖެހުމެއް ލިބިވަޑައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދު ކުރުމަށް ފަހު މިދިޔަ ޖުލައި މަހު ބޯޑަރު ހުޅުވާލި އިރު ވެސް ރައީސް ސޯލިހް ވަނީ އެއާޕޯޓު ހުޅުވުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވާފައެވެ.