ރައީސް އޮފީހުގެ ހަރުތައް ގެނެސްދޭނެ ހާއްސަ ނޫސްވެރިން (ޕްރެސް ކޯޕްސް) ހޮވަން އެ އޮފީހުން ނިންމައިފިއެވެ.

ޕްރެސް ކޯޕްސް އުފެއްދުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ މިއަދު މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކާ ބެހޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ޕްރެސް ކޯޕްސް އުފައްދާނީ އެކަމާ މީޑިއާތަކާ މަޝްވަރާ ކުރުމަށްފަހު، މީޑިއާތަކުގެ ހިޔާލާއެކު އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

އެގޮތުން ޕްރެސް ކޯޕްސްގެ ގޮތުގައި ހޮވާނީ ކޮންމެ މީޑިއާއަކުން ކިތައް ނޫސްވެރިންތޯ އާއި އެ ނޫސްވެރިންގެ ހުންނަން ޖެހޭ ޝަރުތުތަކާ ހުރިހާ އެއްޗެއް ނިންމާނީ މީޑިއާތަކުގެ މަޝްވަރާއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ގައުމުތަކުން ޕްރެސް ކޯޕްސް ހޮވުމުގައި ނޫސްވެރިޔާގެ ތަޖުރިބާއާއި، ޒިންމާދާރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭކަން ފާހަގަކޮށްލެވެއެވެ.

މަބްރޫކް ވިދާޅުވީ ޕްރެސް ކޯޕްސް އުފެއްދުމުގައި ރައީސް ސޯލިހްގެ ވިސްނުންފުޅު ހުންނެވީ ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމާ ދިމާލަށް ކަމަށެވެ. އަދި ނޫސްވެރިންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. މަބްރޫކް ވިދާޅުވީ ޕްރެސް ކޯޕްސް އެކުލަވާލުމުން މީޑިއާތަކަށް މައުލޫމާތު ލިބުމުގައި ހުރި ގިނަ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މީޑިއާތަކާ އޮތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ މަހަކު ދެފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާއަށް ފިއްލަވައިގެން ނޫޅުއްވާނެ ކަމަށާއި ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާނެ ކަމަށް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މީގެ 7 މަސް ކުރިން ޖޫން 23، 2020 ގައެވެ. އޭގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މާޗް 25، 2020ގައެވެ.