ކޮވިޑް-19 ވެކްސިން ރާއްޖެއަށް ލިބޭނެ ތާރީހެއް ހާމަ ކުރާނެ ބަޔަކު ނުވިއެވެ.
ރާއްޖޭގައި ކޮވިޑް އަދި ކޮވިޑް ވެކްސިނާ ބެހޭ މައުލޫމާތު ހާމަ ކުރުމަށް ކަނޑައަޅާފައި ވަނީ ހެލްތް އިމަޖެންސީ އޮޕަރޭޝާން ސެންޓަރެވެ. ނަމަވެސް މި ދެ ދުވަހެއްގައި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އާ ހަވާލާދީ ވެކްސިން ލިބޭނީ މިމަހު ފަހުކޮޅު ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ މިމަހު ފަހުކޮޅު ރާއްޖެއަށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ މިމަހު ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ. އެހެން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ މިމަހު 26 ވަނަ ދުވަހު ވެކްސިން ލިބޭނެ ކަމަށެވެ.
ވެކްސިން ލިބޭނެ ތާރީހަކާއި ރާއްޖެއަށް ފުރަތަމަ ލިބޭނީ ކޮން ވެކްސިނެއްތޯ އަހާ 'ދަ ޕްރެސް' އިން ވެސް މިނިސްޓަރު ނަސީމާ ސުވާލު ކުރީމެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ މިމަހު ފަހުކޮޅު ވެކްސިން ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައި ނުވާނެ ކަމަށެވެ. އޭގެ އިތުރަށް ކުރި އެއްވެސް ސުވާލަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވާފައެއް ނުވެއެވެ.
މީގެ އިތުރަށް މިމަހު ފަހުކޮޅު ވެކްސިން ލިބޭނެ ތާރީހާމެދު އެޗްއީއޯސީއާ ވެސް ސުވާލު ކުރުމުން އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެޗްއީއޯސީން ބުނީ ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވީ ނަމަވެސް ވެކްސިން ލިބޭނެ ތާރީހެއް އެޗްއީއޯސީން އަދި ހާމަކޮށްފައި ނުވާނެ ކަމަށެވެ. ވެކްސިނާ ބެހޭގޮތުން ލިބެމުންދާ މައުލޫމާތު އެޗްއީއޯސީން ހާމަކުރަމުން ދާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ވެކްސިން ދޭން ފަށާނެއެވެ. އަދި އަަހަރު މެދަކާ ހަމައަށް ދާން ވާއިރަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެއަށް ލިބޭ ވެކްސިނަކީ ކޮން ބްރޭންޑެއްގެ ވެކްސިންކަން ނޭގުނަސް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުން ކުރާ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ނަމަވެސް މިކަން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. އަދި ވެކްސިނާ ބެހޭ މައުލޫމާތު ނުވަތަ ލިބޭނެ ތާރީހެއް ވެސް ހާމަ ކުރަން ބޭނުންވާ އިދާރާއެއް ނެތެވެ.
ރާއްޖެއަށް ވެކްސިން ގެނައުމަށް ވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއާ ކުންފުންޏާ ދެމެދު އެއްބަސްވެފައެވެ. ރާއްޖެއިން ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށް، ގައުމުތަކުން ރުހުން ދީފައި ވާ ވެކްސިންތަކަށް ބަލާއިރު އަސްޓްރާޒެނީކާގެ ވެކްސިނަކީ ޖުމްލަ ގޮތެއްގައި އަގުހެޔޮ ވެކްސިނެކެވެ. އަދި މިއީ އެއްތަނުން އަނެއް ތަނަށް އުފުލާ ހަދަން ފަސޭހަ ވެކްސިނެއް ކަމަށްވެސް ބުނެއެވެ. އަސްޓްރާޒެނީކާއާ ވާދަ ކުރާ ވެކްސިން ބްރޭންޑްތަކަކީ އިންތިހާ ފިނި މިނުގައި އުފުލާ، ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ.
އެސްޓްރާޒެނީކާ ވެކްސިން ރާއްޖެ ގެނައުމަށް ސޮއިކޮށްފައިވީ ނަމަވެސް، އެހެން ވެކްސިންތައް ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ނަސީމާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން ފުރަތަމަ ރާއްޖެއަށް ލިބޭނީ ކޮން ވެކްސިނެއް ކަމެއް ނޭނގެއެވެ.
އެހެންވީމަ ކަލޭމެން ހާމަ ކުރަންވީނު.