މިދިޔަ ހޮނިހިރު ދުވަހު އިންޑޮނީޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިން ބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި ވިދާޅުވީ 60 އަށް ވުރެ ގިނަ މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ވެއްޓުނު ހަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ.

އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާއި އަދި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރުގެ އަމިއްލަ ނަމުގައި ތައުޒިޔާ ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިންގެ ތައުޒިޔާ، މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޖަކާޓާގެ ވައިގެ ބަނދަރުން ފްލައިޓް އެސްޖޭވައި 182 އުދުއްސާލީ ހޮނިހިރު ދުވަހު، އިންޑޮނޭޝިއާ ގަޑިން 14:36 (07:36 ޖީއެމްޓީ) ގައެވެ. އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބޯޓާ އެންމެ ފަހުން ގުޅުނީ 14:40 ގައެވެ. ޕޮއިންޓިއަނަކްއަށް ކުރާ މި ދަތުރުގެ އާންމު ދިގު މިނަކީ 90 މިނެޓެވެ.

ފްލައިޓް އެސްޖޭވައި 182 "ގެއްލުނީ" ވެރިރަށް ޖަކާޓާގެ 20 ކިލޯމީޓަރު އުތުރުންނެވެ. އެއީ 2018 ވަނަ އަހަރުވެސް މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއް ހިނގި ސަރަހައްދާ ކައިރި ހިސާބެކެވެ. އެ ފަހަރު ލަޔަން އެއާގެ ފްލައިޓެއް ވެއްޓި، 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.