2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ހަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުންފުނީގެ އޮޕަރޭޓިން އެޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، މިކަމަށް ހަރުދު ކޮށްފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މިއީ 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ހަަރަދާއި އަޅާބަލާއިރު 14 ޕަސަންޓު ކުޑަ އަދަދެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ކުންފުނީގެ ހިނގުމުގެ ހަރަދުތައް މިފަދައިން ކުޑަކޮށްފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއި އެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގެންގުޅުނު ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ 2020 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކަށް ބަލާލާއިރު އިންޖިނިއަރިން އާއި މެނުފެކްޗަރިން އާއި ފެނާއި ނަރުދަމާގެ ހިދުމަތްތަކާއި އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ފުރަތަމަ ކުއާޓާގައި 177.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ދެވަނަ ކުއާޓާ ގައި 130.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ތިންވަނަ ކުއާޓާ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓާގައި 94.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރުގެ ހަރަދުތަކާއި އަޅާބަލާއިރު 2020 ވަނަ އަހަރު އިންޖިނިއަރިން ދާއިރާއިން ކޮށްފައިވާ ހަރަދުތައް 6 ޕަސަންޓު ކުޑަކޮށްފައިވާއިރު، މެނުފެކްޗަރިން ގެ ހަރަދުތައް 14 ޕަސަންޓާއި ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސަންޓު އަދި ފެނާ ނަރުދަމާގެ ހިދުމަތައް ކޮށްފައިވާ ހަރަދުތައް 15 ޕަސަންޓު ކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައިވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ އަދި ހަމަ އެހާމެ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކުރި ކަމަށެވެ.

މީގެ ތެރޭގައި ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމަށްޓަކައި ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި ގޮތުން މިކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ 2020 ވަނަ އަހަރުވެސް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ.

މި ގޮތުން މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމީ ކުންފުނިން އުފަލާއި އެކު ފާހަގަ ކުރާކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ވަނީ ހިންގާފައިވާ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫއު ތަކުގެ ދަށުން ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމާ، 5 ރަށެއްގެ އަމަލީ މަސައްކަތް ފަށާ އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.