ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ އަޒުމް ވަރުގަދަ ލީޑަރެއްގެ ކަމަށާއި ދައުވާގެ މައްޗަށް ދައުވާ ކުރިއަސް ސިހިވަޑައިނުގަންނަވާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އަދުރޭގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފުރަތަމަ ޝާރިއަތުގެ އަޑުއެހުން މި މަހުގެ 31 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމުންނެވެ. ޝިޔާމް ވިދާޅުވީ، އަދުރޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ހުންނެވި ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި އޭނާއަކީ ނުގުޑާ ފަދަ އަޒުމެއްގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށް ޝިޔާމް ސިފަ ކުރެއްވިއެވެ.
ހަމައެއާއެކު އަދުރޭއަށް، ދައުވާގެ މައްޗަށް ދައުވާ ކުރި ކަމުގައި ވިޔަސް ސިހިވަޑައިނުގަންނާވާނެ ކަމަށާއި އޭނާއަކީ ސާބިތުކަމާ އެކު ހުންނެވި ބޭފުޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ހަޑިހުތުރު އެއްޗެހި ވިދަޅުވުމާއި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ. މި ދައުވާ ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހު ކޮޅުގައެވެ. މި މައްސަަލއިގެ ފުރަތަމަ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކޮށްފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރެވެ.
ޕީޖީން އިން އަދުރޭގެ މައްޗަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރެއްވި ކަމަށް ދައުވާ ކުރުމާ ގުޅިގެން، އަދުރޭ ވިދާޅުވެފައި ވަނީ މި ސަރުކާރުން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް ދައުވާ ކުރިއަސް މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެ ކަމަށެވެ. ކޮންމެ ދައުވާއެއް ކުރިއަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.