މަލްޓިލޭޓަރަލިޒަމްއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާ އަހައްމިޔަތަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުނީރް ސަފީލްދީން ޝުކުރު އަދާކުރައްވައިފިއެވެ.

ސަފީލްދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ދައުރު ހަމަކުރެއްވުމަށް ފަހު އޭނާ ވަނީ މިދިޔަ މަހު ފުރާވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ޝާހިދާއި ފޮރިން މިނިސްޓްރީން ދިން އެއްބާރުލުމާއެކު ރާއްޖެއާއި ޔުނިސެފާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދިޔަ ކަމަށެވެ.

ސަފީލްދީން ރާއްޖެއިން ފުރާވަޑައިގެންނެވުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރެއްވިއެވެ. މި ޒިޔާރަތުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ސަފީލްދީން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ދިވެހިރާއްޖެ އާއި ޔުނިސެފާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީލްދީން މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށް ޝާހިދު ވަނީ އޭރު ފާހަގަ ކުރައްވާފައެވެ.