ސްކޫލަތަކަށް ކިޔަވަން ދާ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށް މި އަހަރަކީ ވަރަށް ރަނގަޅު އަހަަރަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން މިއަދު ފަށުމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، ގިނަ ދުވަސްތަކެއް ސްކޫލަށް ނުދެވި ގޭގައި ތިބެން ޖެހުމަށް ފަހު މިއަދަކީ ގިނަ ދަރިވަރުން ތަކެއް ސްކޫލަށް ކިޔަވަން ދާ ފުރަތަމަ ދުވަސް ކަމަށެވެ. އެހެން ކަމުން މި ފުރުސަތަކީ ދަރިވަރުންނަށް އުނގެނުމަށް ލިބިފައިވާ ރަނގަޅު ފުރުސަތެއް ކަމަށާއި އަދި ކުރީގެ އެކުވެރިންނާއި އާ ރަހްމަތްތެރިންނާ ދިމާ ވުމަށް ވެސް އޮތް ފުރުސަތެއް ކަމުގައި ރައީސް ސޯލިހް ސިފަ ކުރެއްވިއެވެ.

ކޮވިޑް ބަލިމަޑުކަމުގައި ގިނަ ސްކޫލަތައް ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ސްކޫލަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދީފައި ވަނީ ގްރޭޑް 7 އިން މައްޗަށެވެ. އޭގެ ދަށް ގްރޭޑްތަކަށް ވަނީ އޮންލައިންކޮށް ކްލާސްތައް ހިންގާފައެވެ. 2020 ވަނަ އަހަރުގެ ކިޔެވުން ކޮވިޑާ ގުޅިގެން ފަސްކުރި ދެވަނަ ޓާމް މިއަދު ފަށާފައި ވާއިރު، މިފަހަރު ކިޔަވައި ދެނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެނެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ތެރެއިން މިއަދު ސްކޫލަށް ހާޒިރުވި ބައެއް ދަރިވަރުން / ފޮޓޯ: އިސްކަންދަރު ސްކޫލް

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް ހުޅުވައިގެން ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވާއިރު ސްކޫލުތައް 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ކުދިންނަށް އެއް ފަހަރާ ކިޔަވައި ދިނުމުގެ ކަންކަން އެއް ސެޝަނަކަށް ކުރިޔަށް ގެންދެވޭ ސްކޫލްތަކާއި، ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ދެ ސެޝަނަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ސްކޫލްތަކުގައި ދަރިވަރުން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެއެވެ.

އަދި ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ދެ ދުވަހުން އެއް ދުވަހު ގެންދާ ގޮތަށް ބަހާލައިގެން ކުރިޔަށް ގެންދަން ޖެހޭ ސްކޫލްތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނީ ދެދުވަހުން އެއްދުވަހުއެވެ. އެ ރަށްރަށުގެ ކުދިންނަށް ދެ ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކީސްޓޭޖް 1 އިން ފެށިގެން ކީސްޓޭޖް 5 ގެ ދަރިވަރުންނަށް ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު ސެޝަންގެ ދިގުމިނަކީ 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ސެޝަންގެ ދިގުމިނަކީ ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑިއިރެވެ. ސެޝަންގެ ތެރެއިން މަދުވެގެން 60 މިނެޓް ހޭދަކުރާނީ ކުދިންގެ ހުން ބެލުމުގައާއި، އަތް ދޮވުމާއި، ހަރަކާތްތެރި ވުމުގައި ކަމަށް ގައިޑްލައިންގައި ވަނީ ފާހަގަ ކޮށްފައި ވެއެވެ.

މިއަދު ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު، މިދިޔަ އަހަރު ގިނަ ވަގުތު ދަރިވަރުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކިޔެވުމުގެ އިތުރުން އެކުދިންގެ ސޯޝަލް ސްކިލްސް އާއި އެހެނިހެން ރޫޓީން ކަންކަމަށް އައިސްފައިވާ ބަދަލުތައް ކުޑަކުރުމަށް ސްކޫލަތްކާއި އެޑިއުކޭޝަނުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަ އަހަރު އޮންލައިން ކޮށް ކިޔެވުން ކުރިއަށް ގެންދިއުމުން ކުދިންނަށް ފިލާވަޅުތަކުގައި ހާސިލްވި މިންވަރު ދެނެގަތުމުގެ ފުރުސަތު ޓީޗަރުންނަށް ކުޑަވެގެން ދިޔަ ކަމަށާއި މި އަހަރު ހުރިހާ ގްރޭޑެއްގެ ދަރިވަރުންވެސް ސްކޫލަށް ދިއުމަށް ހަމަޖެހިގެން ދިއުމުން އެކަންކަން ހާސިލް ކުރެވެނޭ ކަމަށް އެޑީއުކޭޝަނުން ވަނީ ބުނެފައެވެ،

ކޮވިޑް ބަލިމަޑުކަން ފެތުރމާއެކު ރާއްޖޭގެ ސްކޫލަތަކުގެ ކިޔެވުން 6 މަސް ދުވަސް ދިގު ދައްމާލައިގެން ކިޔެވުން ކުރިއަށް ގެންދަން ޕްލޭން ކޮށްފައި ވަނީ އިތުރު މަސައްކަތްތަކެއް ކޮށްގެން ކުދިންނަށް ކިޔުވެމުގައި ދިމާވި ގެއްލުން ހޯދައިދިނުމަށް ކަމަށް އެޑިއުކޭޝަން އިން ވަނީ ބުނެފައެވެ.