ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ސަން ކުންފުނިން ފައިސާ ޖަމާ ކުރީ، އެމަނިކުފާނު އަތްޕުޅުގައި ހުރި ދިވެހި ފައިސާތަކެއް އެ ކުންފުނި މެދުވެރިކޮށް ޑޮލަރަށް މާރު ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަން ކުންފުނި މެދުވެރިކޮށް ފައިސާ ޑޮލަރަށް މާރު ކުރުމަކީ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބެލެވިގެން ނުވާނެ ކަމަށެވެ.

އަދި ފައިސާ ޑޮލަރަށް މާރު ކުރުމަކީ ވިޔަފާރި ކަމުގައި މާނަކޮށް ދައުލަތުން މީހުންގެ މައްޗަށް ކުށުގެ ތުހުމަތު އުފުލާ ނަމަ ހައްޖަށް ދާ އެންމެން ވެސް ޑޮލަރު ގަނެ އެ ކުރަނީ ވިޔަފާރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަށް ބަދަލު ކުރުމަކީ ވިޔަފާރިއެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވެގެން އެމަނިކުފާނަށް ލިބޭ އާމްދަނީ އަކީ ކުށެއް ކަމަށް ނުވަތަ ކުށެއްގައި ތުހުމަތު ކުރެވޭ ކަމެއް ކަމަށް ވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ޔާމިނާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ އެއީ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ގަބޫލުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ސަން ކުންފުނި ލިބުނު ފައިސާއާ ކްރިކް ރިޒާއަށް ލިބުނު ކަމަށް ތުހުމަތު ކުރާ ފައިސާއަކީ އެމަނިކުފާނާ ގުޅުން އޮތް ކަމެއް ނޫން ކަމަށާއި، އެކަން ދައުލަތުން ސާފުކޮށް ދިނުމަށް ރައީސް ޔާމީން ވަނީ އެދި ވަޑައިގެންފައެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވާއިރު، ދައުލަތުގެ ވަކީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ވިޔަފާރީގެ މުއާމަލާތެއް ހިންގުމަކީ ގާނޫނު ތަން ދޭ ކަމެއް ނޫން ކަން ފާހަގަ ކުރައްވާފައެވެ. ވަކީލާ ވިދާޅުވީ މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެ 1.1 މިލިއަން އެމެރިކާ ޑޮލަރު ފަދަ ބޮޑު އަދަދަކުން ފައިސާ ލިބިވަޑައިގެންނެވި އިރު، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން 36 މަސް ދުވަހަށް އެ ފައިސާ އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަށް އިންވެސްޓް ކޮށްގެން އެ ފައިސާ އިން މަންފާ ލިބިގެންފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި އެއީ ކުށް ކޮށްގެން ހޯދި ފައިސާ އަތުގައި ބަހައްޓާ، އޭގެއިން މަންފާ ލިބިގެންފައި ވާ ކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.