ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ނެގުމުގެ ދައުވާ ސާބިތު ވެއްޖެނަމަ ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ އެއް މިލިއަން ޑޮލަރާއި އެމަނިކުފާނުގެ އަތްޕުޅުގައި ހުރި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދާ ނެގުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެއެވެ.
ދައުލަތުން މިކަމަށް އެދިފައި ވަނީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމުގައެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެންނެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ، ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު އުފުލުގެ ދައުވާ އުފުލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތަކާ ކުއްޔަށް ދިނުމުގައި ނުފޫޒު ފޯރުއްވާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ ކްރިކް ރިޒާ މެދުވެރިކޮށް ދެ ތާރީހެއްގެ މަތިން 6 ލައްކަ އެމެރިކާ ޑޮލަރާއި 7 ލައްކަ އެމެރިކާ ޑޮލަރު ހޯއްދަވައި ސަން ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ މަނީލޯންޑާ ކުރައްވާފައިވާ ކަމަށް ވެސް ދައުލަތުން ބުނެފައި ވެއެވެ. އެގޮތުން އެ ފައިސާ އިސްލާމިކް ބޭންކުގައި ހުރި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ސަން ކުންފުނީގެ އެކައުންޓުތައް މެދުވެރިކޮށް ކަމަށް ދައުލަތުން ބުނެއެވެ.
ދައުލަތުން ބުނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ ރައީސް ޔާމީނުގެ އެކައުންޓަށް ސަން ކުންފުނި މެދުވެރިކޮށް ވަދެފައިވާ 1.1 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރަށް އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުމަށް ކަމުގައެވެ.
މި މައްސަލާގައި މިހާތަނަށް 2 އަޑުއެހުމެއް ބާއްވާފައެވެ. އެ ދެ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ވަކީލުން ބުނެފައި ވަނީ އެ މައްސަލައާ ގުޅުން ހުރި ލިޔެކިއުންތައް ލިބިފައި ނުވާ ކަމަށާއި، ދައުވާ ސާފު ނުވާ ކަމަށެވެ. ހުދު ރައީސް ޔާމީން ވެސް ވަނީ މި ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ.
މަނިކު ފާނަށް ހަލާލު ނޫން ފައިސާ އަމިއްލަ ގެ އަށް ވެއް ދިކަން ސާފު ވޭ އަމިއްލަ އަށް ގޮވާލެއްވީ ދެން ސާފުނުވަނީ ކޯ ޗެއް ތޯ... ރުބބޭލް ވީ ތަންތޯ ؟؟