ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި އަހަރުގެ ރިޔާސީ ބަޔާން ދެއްވުން، އަންނަ މަހުގެ 4 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. އެހެންކަމުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެއެވެ.
މިއީ ރައީސް ސޯލިހު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފަށަން ބާއްވާ ފުރަތަމަ ޖަލްސާއެވެ. އެގޮތުން ސަރުކާރުން މުޅި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ. ރިޔާސީ ބަޔާން އިއްވުން މިދިޔަ އަހަރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައެވެ. އޭގެ ކުރީއަހަރު އޮތީ ދަރުބާރުގޭގައެވެ.
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކަކާއެކު ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވަމުން ގެންދިޔަ ނަމަވެސް، ރައީސް ސޯލިހް ވަނީ ބަޔާން އިއްވެވުން ކުރިއަށް ގެންދަވާފައެވެ.