ގއ. ވިލިނގިލި ފުޓްސަލް ދަނޑުގައި ރޯކޮށްލީ ޓާފް އެޅުން ލަސް ވެގެން ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މިކަމާ ގުޅިގެން ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުޓްސަލް ދަނޑުގައި ރޯކޮށްލީ ކޮން ބައެއްކަން ވިދާޅުވާން ދަތި ކަމަށެވެ. ކޮންމެވެސް ބަޔަކު އެތަނުގައި ރޯކޮށްލާފައި ވަނީ ފެޓްރޯލް ފަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަނޑުގެ އެކި ދިމަދިމާލުން އަނދާފައި ވައިރު، ދަނޑުގެ ދެބައި ކުޅަ އެއްބައި އެއްކޮށް އަނދާފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ ވިލިނގިލީގެ ފުޓްސަލް ދަނޑަކީ އެދަނޑު އެޅީއްސުރެ ޒުވާނުން އަބަދުވެސް ބޭނުން ކުރަމުން ދާ ދަނޑެއް ކަމަށާއި، އަބަދުވެސް މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި އެއް މުބާރާތް ނިމި، އަނެއް މުބާރާތް ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ދަނޑުގައި ރޯކޮށްލުމަކީ އެރަށު ޒުވާނުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވިލިނގިލީގެ ފުޓްސަލް ދަނޑުގައި ޓާފް އަޅުއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމަން އޮތީ މިދިޔަ އަހަރު ނިމުމުގެ ކުރިން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް މަސް ދުވަހަށް ވަރު ލަސް ވުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެއް ނޫން ކަމަށެވެ.
ހަބީބް ވިދާޅުވީ ބެލެވޭ ގޮތުގައި ދަނޑަށް ދިން ހަމަލާއަކީ ޓާފް އެޅުން ލަސް ވުމުގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ އެކަން ކުރަންވާ ގޮތް ނޫން ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެއީ އެރަށު ޒުވާނުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ގއ. ވިލިނގިލި ޔޫތް ސެންޓަރު ގޯތި ތެރޭގައި އޮތް ފުޓްސަލް ދަނޑުގައި އަޅާފައި އޮތް މެޓެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލަ ހުޅަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ މިރޭ 7:54 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.