ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވާ، ސްކޫލުތައް ހުޅުވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބު ނުބޭއްވުނަސް ސްކޫލުތައް ހުޅުވޭތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވަނީ މި ސަރުކާރަށް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނުކެރިގެން އުޅެނީ ކީއްވެތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އައި ލޯކަލް ކައުންސިލް އިންތިހާބު މާޗް މަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވުމާ ގުޅިގެންނެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ވެސް ކުރެވެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފެބްރުއަރީ މަހު މަޖިލިސް ހުޅުވެން ވާއިރަށް ގާނޫނަސް އިސްލާހު ގެނައުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، އީސީގެ މެންބަރު އިސްމާއިލް ހަބީބް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާފައެވެ. އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭތީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށް އެ ގާނޫނުގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހް ކޮށްދިނުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާނެ ކަމަށް އިއުލާނުކޮށްފައި

ހަމައެއާއެކު، އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވަން ހަމަޖެހިފައި ވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އެ މިނިސްޓްރީން ބުނީ، އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިޔެވުން ފެށޭނި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށް އެ އެޑިއުކޭޝަނުން ބުނެއެވެ. މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ޓާމް ނިމޭނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް، ސްކޫލުތައް ބަންދުކޮށްފައި ވަނީ ވެސް ކޮވިޑް-19 ގެ ސަބަބުންނެވެ.