އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އައި ލޯކަލް ކައުންސިލް އިންތިހާބު މާޗް މަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ވެސް ކުރެވެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފެބްރުއަރީ މަހު މަޖިލިސް ހުޅުވެން ވާއިރަށް ގާނޫނަސް އިސްލާހު ގެނައުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، އީސީގެ މެންބަރު އިސްމާއިލް ހަބީބް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާފައެވެ. އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭތީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށް އެ ގާނޫނުގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހް ކޮށްދިނުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއެއިން ބުނެފައި ވެއެވެ.