ރާއްޖޭގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ ރާއީސް އަބްދުﷲ ޔާމީން ޗައިނާ އާއެކު ހެއްދެވި ފްރީ ޓްރޭޑް އެގްރީމަންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިސަރުކާރުން ތަންފީޒު ކުރުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް މަސްވެރިން ބުނެފައި ވަނިކޮށް އިންޑިއާ ކަނޑުގައި އޮތް ޖަޒީރާ އެހެން ގައުމަކާ އެކު ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފިޒުކުރުމަށް ތައްޔާރުވުމާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ، ޗައިނާއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސަރުކާރުން ތަންފީޒު ކޮށްފިނަމަ މިހާރު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ދިވެހިން ބާނަ މަހުގެ ބާވަތްތައް ޒީރޯ ޓެރިފް ގައި 1.4 ބިލިއަން ޗައިނާ ކަސްޓަމަރުންނަށް އެކްސްޕޯޓް ކުރެވޭނެ ކަމަށާއި ދިވެހިން ބާނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޒޯން ވިދާޅުވެފައި ވަނީ ޗާއިނާއިން މޮރިޝަސްއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް އެއް ހަދައި އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަދި މި އެގްރިމަންޓަކީ މޮރިޝަސްއިން އެކްސްޕޯޓް ކުރާ މުދަލުން ޗައިނާ މާކެޓުގެ 1.4 ބިލިއަން ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ސަފީރު ފާހަގަ ކުރެއްވިއެވެ.

މިއީ މިފަދަ ޓްރޭޑް އެގްރީމަންޓެއް އެފްރިކާގެ ގައުމަކާއެކު ހެދި ފުރަތަމަ ފަހަރެވެ. އެ ޓްރޭޑްގެ ދަށުން ޗައިނާއަށް އެކްސްޕޯޓް ކުރާ 8500 ބާވަތަކުން ޑިއުޓީ އުނިކޮށްފައިވާ ކަަމަށް ޗައިނާގެ ހަބަރުތަކުން ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން މި ސަރުކާރުން ތަންފީޒް ނުކޮށް އޮތް ކަމަށް ޝިޔާމް ވިދާޅުވާއިރު، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ގިނައިން އެހީ ހޯދަމުން ދަނީ އަވައްޓެރި އިންޑިއާއާ އެކުގައެވެ. އެ ގޮތުން ރާއްޖެއިން އިންޑިއާއަށް ސީފުޑް އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޛޭގައި މަސްވެރިންގެ ތެރެއިން ކަޅުބިލަ މަހުގެ މަސްވެރިންނާއި ކަންނެލި މަސްވެރިންގެ ގިނަ ކަނބޮޑުވުންތަކެއް އެބަހުއްޓެވެ. އެ ފަރާތްތަކުން މުޒާހަރާތައް އެކި ފަހަރު މަތިން މުޒާހަރާތައް ކޮށްފައި ވަނީ ބާނާ މަހަށް ހަމައަގު ނުލިބޭތީއެވެ. އަދި ކަޅުބިލަ މަސްވެރިންގެ މަސްކޮޅު ކިރުމަށް ގޮސް ކިއުގައި ގިނަވަގުތު މަޑުކުރަން ޖެހުމުގެ މައްސަލައާއި ކިޔު ނަންބަރު ޖެހޭ އިރު ބާނާފައި ހުންނަ މަސްކޮޅުގެ ކޮލިޓީ ދަށްވެ މސްކޮޅު ކިރައިގެން ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމުގެ ޝަކުވާތައް މަސްވެރިން އަންނަނީ ކުރަމުންނެވެ.

މިކަމަށް ހައްލެއް ހޯދައިދެވޭނީ މަސްވެރިކަމުގެ ސިނާއަތުގައި ތިބި ކުންފުނިތައް ކުރިއަށް ޖެހިގެން ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މިހާރު ތިބި އެ ފަދަ ކުންފުނިތަކުގެ ތެރެއިން އޮޕަރޭޓް ކުރަނީ 3 ކުންފުނި ކަމަށާއި އެ ކުންފުނިތައް ވެސް މިވީ ދުވަސްތަކުގެ ތެރޭގައި ކުރިއަރައިގެން ގޮސްފައި ނުވާ ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.