ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ތަޖުރިބާކާރު ޓީވީ ހޮސްޓް، ލެރީ ކިންގް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ލޮސް އެންޖަލީސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އާއިލާއާ ގާތް މަސްދަރުތަކަކުން މީޑިއާއަށް މައުލުމާތު ދެމުން ބުނީ، ސީޑާޒް ސައިނާއީ މެޑިކަލް ސެންޓަރުގައި ލެރީ ކިންގަށް ފަރުވާ ދެމުން އަންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވާ ކަމަށެވެ.

60 އަހަރަށް ވުރެ ގިނަ ދުވަހު މީޑިއާގެ ދާއިރާގައި ހިދުމަތް ކޮށްފައިވާ ލޭރީ ކިންގް ވަނީ ގިނަ އެވޯޑްތަކެއް ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި އެމީ އެވޯޑްވެސް ހިމެނެއެވެ.

މަޝްހޫރު ޓީވީ ހޮސްޓް ލެރީ ކިންގް (ވ) އޭނާގެ ޝޯއެއްގައި 2010 ވަނަ އަހަރު ފިލްމީ ބަތޮލަކާއެކު / ފޮޓޯ: ގެޓީ އިމޭޖަޒް

އުމުރުން 87 އަހަރުގެ ލެރީ ކިންގްގެ މަންދޫބުން، އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މީޑިއާގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާގެ މިހާރުގެ ހާލަތާ ބެހޭ މާ ބޮޑު ތަފްސީލެއްވެސް އަދި ސާފެއް ނުވެއެވެ.

އާންމުންގެ މެދުގައި ލެރީ ކިންގް އެންމެ މަޝްހޫރު ވެގެން އައީ 1970ގެ އަހަރުތަކުގައި އޭނާ ހުށަހަޅާދިން "ދަ ލެރީ ކިންގް ޝޯ"އާއެކުގައެވެ. އޭގެ ފަހުން 1985 – 2010 ވަނަ އަހަރާ ދެމެދު އޭނާ ވަނީ "ލެރީ ކިންގް ލައިވް" ގެ ނަމުގައި ސީއެންއެންގައި ހާއްސަ ޓޯކް ޝޯއެއް ހުށަހަޅާދީފައެވެ. ސިޔާސީ ދާއިރާގެ ޝަހްސިއްޔަތުތަކުން ފެށިގެން، މުނިފޫހިފިލުވުމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ކޮންސްޕިރަސީ ތިއަރިސްޓުންވެސް މި ޝޯގެ މެހެމާނުންގެ ގޮތުގައި ވަނީ ފެނިފައެވެ.

ފާއިތުވީ އަހަރުތަކަކީ ސިއްހީ ގޮތުން ލެރީ ކިންގަށް ގޮންޖެހުންތަކެއް ކުރިމަތިވި އަހަރުތަކެކެވެ. އެގޮތުން އޭނާއަށް ވަނީ ހާޓްއެޓޭކްތަކެއްވެސް ޖެހިފައެވެ. މީގެ އިތުރުން އޭނާ ވަނީ ހަކުރު ބައްޔާއި، އެންޖައިނާ އަދި ފުއްޕާމޭގެ ކެންސަރާ ދެކޮޅަށްވެސް ހަނގުރާމަ ކޮށްފައެވެ.

މަޝްހޫރު ޓޯކްޝޯ ހޮސްޓް ލެރީ ކިންގް/ފޮޓޯ: ސީއެންއެން

ލެރީ ކިންގްގެ 5 ދަރިންގެ ތެރެއިން 2 ކުއްޖަކު ވަނީ 2020 ވަނަ އަހަރު، ހަފުތާއެއްގެ ތެރޭގައި ނިޔާވެފައެވެ. އެއް ދަރިއަކު މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވާއިރު، އަނެއް ދަރިފުޅު މަރުވީ ފުއްޕާމޭގެ ކެންސަރުގައެވެ.

1988 ވަނަ އަހަރު ލޭރީ ކިންގް ވަނީ އޭނާގެ ނަމުގައި ހިތުގެ ބަލިތަކަށް ހާއްސަ ފައުންޑޭޝަނެއް ގާއިމުކޮށްފައެވެ. އެއީ މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނާއި އިންޝުއަރަންސް ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް ހިތުގެ ބަލިތަކާ ކުރިމަތިވާ ހިނދެއްގައި އެ ފަދަ ފަރާތްތަކަށް އެހީވުމަށް ގާއިމުކޮށްފައި ވާ ފައުންޑޭޝަނެކެވެ.