އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ މުމްބާއީއަށް އަމާޒުކޮށް މީގެ އަހަރުތަކެއް ކުރިން ޓެރަރިސްޓް ހަމަލާ ދިނުމުގެ ކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމާ ބެހޭ ފަރާތްތަކުން ހައްޔަރު ކޮށްފިއެވެ.

ލަޝްކަރީ ތޮއިބާގެ ސުޕްރީމް ކޮމާންޑާ އޮފް އޮޕަރޭޝަންސްގެ މަގާމުގައިވެސް ހުރި ޒަކީ-އުއް-ރަހުމާން ލަހުވީ ހައްޔަރު ކޮށްފައި ވަނީ ޓެރަރިޒަމަށް ފަންޑު ކުރުމުގެ ކުށުގައެވެ.

މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަންދުގައި ހުރުމަށް ފަހު، 2015 ވަނަ އަހަރުން ފަށައިގެން ލަހުވީ ހުންނަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން މި ފަހަރު އޭނާ ހައްޔަރު ކޮށްފައި ވަނީ ވިޔަފާރީގެ އެކި ކުޑަތަކުގެ ދަށުން، ޓެރަރިސްޓުންނަށް ފަންޑު ކުރަމުން ދާ ކަން އޭނާގެ މައްޗަށް ސާބިތު ވުމާ ގުޅިގެންނެވެ.

ލަހުވީ ހައްޔަރު ކުރީ ކޮން ސަރަހައްދަކުން ކަމެއް ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ލަހުވީއާ ދެކޮޅަށް ދެން މައްސަލަ ބަލަމުން ދާނީ ޕާޚިސްތާނުގެ އެންޓި-ޓޭރަރިސްޓް ކޯޓުންނެވެ.

ބައިނަލްއަގުވާމީ ޓެރަރިސްޓުންގެ ލިސްޓުގައި އދއިން ވެސް ހިމަނާފައިވާ ލަހުވީއަށް، ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަންޑު ދޫކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ހުއްދަ ދިނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.