މި ފެށުނު 2021 ވަނަ އަހަރު ވެސް އެންމެ އިސްކަމެއް ދޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ޔާމީންގެ ނަންފުޅުގައްޔާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ނަމުގައި ކިޔުމަށް އާންމު ކުރި ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ މިއަހަރު ވެސް އިސްކަން ދޭނީ ރައީސް ޔާމީން މިނިކަން ކުރުމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރި ކަމާއެކު މި ސަރުކާރުން (ހިނގަމުން ދާ ސަރުކާރު) ސިޔާސީ ހުކުމެއް ކޮށް ޖަލުގައި ބަންދުކޮށްފައި ވާ، ދިވެހި ގައުމުގެ ތަރައްގީގެ ބާނީ، ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް އެ ކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރި ކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަ ވެގެން ދިޔަކަން އިދިކޮޅުން ފާހަގަ ކުރެއެވެ.

އަދި ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތައް އުފައްދާ، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލާ، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

2020 ވަނަ އަހަރު ވެގެން ދިޔައީ ދުނިޔެއަށާއި މުޅި ރާއްޖެއަށް ވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތި ކުރުވި އަހަރަކަށެވެ. ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށް ވެސް މިވަނީ ކުރިމަތިވެފައެވެ. މި ހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރު ވެގެން ދިޔައީ މި ސަރުކާރުގެ ނާގާބިލް ކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށް ވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ ސަބަބުން ކަމަށް ބުނެއެވެ.

އަދި އެކަމުގެ ސަބަބުން ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާ ގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައި ވާ ކަމަށް އިދިކޮޅުން ބުނެއެވެ. އިދިކޮޅުން ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ބޮއްސުންލާފައި ވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކޮށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށް ދިނުމަށާއި، ރައްޔިތުން ކުރަމުން ދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ވީ އެންމެ އަވަހަށް ހައްލު ކޮށްދިނުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.