ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، ކުރެއްވި ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށް ވިޔަސް، ރާއްޖޭގެ ހާލަތާ މެދު ވިސްނަވައި، ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އަމާޒު ހިއްޕަވަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެވަޑައިގެން ދިޔަ އަހަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖެ ވެސް ތަޖުރިބާ ކުރަމުން މިދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ގައުމު ފުރަބަންދު ކުރަން ޖެހުމުން، އެންމެ ބޮޑަށް އިހްސާސް ކުރެއްވުނީ ރާއްޖޭގެ އިގްތިސޯދުގެ ނާޒުކު ކަން ކަމަށެވެ. އަދި ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި ހުރުމުން ރައްޔިތުން އުފުލަން ޖެހިފައި ވާ ތަކުލީފުތަކާއި، ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަން ކުރެއްވިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފެށުނު 2021 ވަނަ އަހަރާ މިކުރިމަތި ލަނީ، ގައުމު އަލުން އާރާސްތު ކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި
ރައީސް ސޯލިހް

2021 އާ ކުރިމަތި ލަނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވި ކުރެއްވުމުގެ އަޒުމާ އެކުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އިގްތިސޯދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު މިހާރަށް ވުރެ ފުޅާކޮށް، އިގްތިސޯދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ތިމާވެށްޓާ އެއްކީލި ކުރުމަކީ ވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ، ގައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް ވެސް ހައްލު ކޮށްގެން ކަމާމެދަކު ޝައްކެއް ނެތް. މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، ޢަމަލީ ގޮތުން މަސައްކަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، މިއަހަރުގެ އަޒުމް ކަމުގައި ކަނޑައަޅަމާތޯ
ރައީސް ސޯލިހް

ރައީސް ސޯލިހް ވަނީ ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުޖްތަމައުގެ އުފާވެރިކަމާއި ހަމަޖެހުން ގާއިމު ކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، އެންމެންގެ ހިމާޔަތާއި ރައްކާތެރި ކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެން ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މުޖުތަމައުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެތައް ގުނައެއް އިތުރުވެފައި ވާ ކަމަށެވެ. އަދި ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި އާއިލާތައް އުފުލަން ޖެހޭ ތަކުލީފުތައް ވެސް އެތައް ގުނައެއް ބޮޑުވެފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިކަންކަން ހައްލު ކުރުމަށް، ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ނަތީޖާ ހާސިލު ކުރުމަށްޓަކައި، އާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައި ވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެ ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ހަމައެއާއެކު ކޮވިޑްގެ ވެކްސިނާއެކު، މި ބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އާވަމުން އަންނައިރު، ގައުމުގެ އިގްތިސޯދު ކުރިއަރުވައި، ގައުމީ އާމްދަނީ އިތުރު ކުރުމަށްޓަކައި، މުޅި ހައުމު އެކުގައި އެއް އަޒުމެއްގައި ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިގްތިސޯދީ ދުވެލި ހަލުވި ކުރުމުގައި ބައިވެރިވެ ދިނުމަށް ރައީސް ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.