އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ފެނުއަޑީގެ ޑްރޯން ފްލީޓެއް ގާއިމު ކޮށްފައި ވާ ކަމަށް، ދިފާއީ އެނަލިސްޓް އެޗްއައި ސަޓަން ތުހުމަތު ކުރައްވައިފިއެވެ.

"ސީ ވިންގް" (ހައިޔީ)ގެ ނަން ދީފައިވާ މި ފްލީޓުގައި އެކުލެވޭ ޑްރޯންތަކަކީ އެތައް މަހެއް ވަންދެން އޮޕަރޭޓް ކުރުމުގެ ގާބިލު ކަން ލިބިފައިވާ ޑްރޯންތަކެއް ކަމަށާ، މިއީ ކަނޑުގެ އަސްކަރީ ހަރަކާތްތަކަށް ފާރަލާ، ޖާސޫސު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންތަކެއް ކަމަށްވެސް ސަޓަން ތުހުމަތު ކުރައްވައެވެ.

ފޯބްޒް މަޖައްލާއަށް ލިޔުއްވަމުން ސަޓަން ވިދާޅުވީ، ޗައިނާއިން ފުޅާ ދާއިރާއެއްގައި ގާއިމު ކުރި ފެނު އަޑީގެ ޑްރޯން ފްލީޓަކީ ކުރޫއަކާ ނުލާ އޮޕަރޭޓް ކުރުމުގެ ގާބިލުކަން އޮތް ފްލީޓެއް ކަމަށެވެ. އަދި މި މަޝްރޫއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދަކާ ހިސާބުގައި ޗައިނާއިން ލޯންޗް ކުރި މަޝްރޫއެއް ކަމަށާ، 3400 އޮބްޒަވޭޝަނަށް ފަހު ޑްރޯންތައް ނަގާފައި ވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ކަމަށެވެ.

ސަރުކާރުގެ މަސްދަރުތަކަކާ ހަވާލާދީ ސަޓަންގެ ރިޕޯޓްގައި އޭނާ ވިދާޅުވީ، މި ޑްރޯންތަކަކީ އެމެރިކާގެ އަސްކަރިއްޔާއިން ލޯންޗްކުރާ ޒާތުގެ ޑްރޯންތަކެއް ކަމަށެވެ. 2016 ވަނަ އަހަރު ޗައިނާއިން ވަނީ މި ޒާތުގެ ޑްރޯންއެއް އަތުލައިގެންފައެވެ. އެއޯ ކަނޑުބޯޓު ފަހަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދޫކޮށްފައި އޮތް ޑްރޯންއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ސަޓަން ތުހުމަތު ކުރައްވާ ގޮތުގައި ޗައިނާއިން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި 14 ޑްރޯންއެއް އަޅާފައެވެ. ނަމަވެސް މީގެ ތެރެއިން ބޭނުން ކޮށްފައި ވަނީ އެންމެ 12 ޑްރޯން ކަމަށްވެއެވެ.

މި ދަނޑިވަޅަކީ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި، ދިފާއީ އަދި އިސްތިރާޖީ މުހިންމު ކަން އިންތިހާއަށް ބޮޑުވެ، ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާއިން މި ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމާ އާރާއި ބާރަށް އިންތިހާއަށް ވަކާލާތު ކުރަމުން އަންނަ ދަނޑިވަޅެކެވެ.

ސަޓަންގެ ރިޕޯޓާއި ގުޅިގެން ޗައިނާ ސަރުކާރުން ދިފާއަށް ދެއްކި ކަމެއް ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.