ރާއްޖެއަށް ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި ގިނަ ގައުމުތަކަކުން މީހުން ގެންނަ އިރު މި އަހަރު ތެރޭ އެންމެ ގިނައިން ވަޒީފާ ފުރުސަތު ދީފައި ވަނީ އިންޑިއާ މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މި އަހަރު ތެރޭ ބިދޭސީ މަސައްކަތް ތެރިންގެ ގޮތުގައި ޖުމްލަ 11،130 މީހުންނަށް އެމްޕްލޮއިމަންޓް އެޕްރޫވަލް (އީއޭ) ދީފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ދީފައިވަނީ އަވައްޓެރި ދެ ގައުމު ކަމުގައި ވާ އިންޑިއާ އަދި ސްރީލަންކާ ރައްޔިތުންނަށެވެ.

ވަޒީފާގެ ފުރުސަތު އެންމެ ގިނައިން ދީފައިވާ ގައުމުތައް:

  • އިންޑިއާ: 5223
  • ސްރީލަންކާ: 1829
  • ޗައިނާ: 757
  • ނޭޕާލް: 650
  • ޕިލިޕީންސް: 389
  • އިންޑޮނޭޝިއާ: 367
  • ތައިލެންޑް: 238
  • ބަންގްލަދޭޝް: 181
  • ތުރުކީ: 160
  • އިޖީޕްޓް: 108
  • ޕާކިސްތާން: 80

އިންޑިއާގެ 5223 މީހުންނަށް ވަޒީފާގެ ފިރިސަތު ދީފައިވާ އިރު، އެންމެ ގިނަ މީހުންނަށް ފުރުސަތު ދީފައި ވަނީ މި އަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހުގައެވެ. އެ ގޮތުން ޖެނުއަރީ މަހުގައި 941 މީހުންނަށް އަދި ފެބްރުއަރީ މަހުގައި 1018 މީހުންނަށް ހުއްދަ ދީފައި ވެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ވަޒީފާގެ ފުރުސަތު ދީފައިވާ މީހުންގެ އަދަދަށް ބަލާއިރު އެންމެ ގިނައިން ހުއްދަ ދީފައި ވަނީ މި ހިންގާ ޑިސެމްބަރު މަހުއެވެ. އެ ގޮތުން މި މަހު 718 މީހުންނަށް ހުއްދަ ދީފައި ވެއެވެ.

މި އަހަރު ވަޒީފާގެ ފުރުސަތު ދިން ގައުމުތަކުގެ ތެރެއިން އެންމެ މަދުން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، އަލްޖީރިއާ، އަރްމޭނިއާ، ބަލްގޭރިއާ، ކެމަރޫން، ކޯސްޓާރިކާ، ކްރޮއޭޝިއާ، އެސްޓޯނިއާ، ގާނާ، ހަންގޭރީ، އައިސްލޭންޑް، އީރާން، މޮލްޑޮވާގެ އިތުރުން ނޯވޭ، ޕަޕުއާ ނިއުޖީނިއާ، ސެނެގަލް، ސީޝެލްސް، ސީރިއާ، ޓަންޒޭނިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޔަމަން ހިމެނެއެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ބިދޭސީންނަށް ގިނައިން ދިނުމަކީ ދިވެހިން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެގޮތުން ދާދި ފަހުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑައިރެކްޓަރުގެ މަގާމަށް އިންޑިއާގެ ރައްޔިތެއް ހަމަޖެއަސުމުން އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ މި ސަރުކާރަށް ފާޑުކިޔާފައެވެ. ނައިފަރު ދާއިރާގެ މެންބަރު މިކަމަ ގުޅިގެން ފާޑު ވިދާޅުވެފައިވާއިރު އޭނާ ވަނީ ވަކި ގައުމެއްގެ ބަޔަކު "ޖަމާ ކުރުމާ ދޭތެރޭ" ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންގެ އަދަދު ގިނަވެފައިވާ ކަމަށާއި އެ އަދަދު ހާމަ ކުރުމަށް އެދުމުން ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ވަޒީފާގެ ފުރުސަތު ދީފައިވާ ގައުމުތަކުގެ ތެރެއިން އިންޑިއާއަށް އެންމެ ގިނައިން ފުރުސަތު ލިބިފައިވާއިރު، މި ސަރުކާރުން އިންޑީއާއާއި އެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި ބޮޑެތި އެކި މަޝްރޫއުތައް އިންޑިއާ ސަރުކާރާ ގުޅިގެން ހިންގަމުންދާ އިރު ރާއްޖެއިން ވެސް ދަނީ އެ ގައުމުން ހިންގާ މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދެ ގައުމުގެ ދެމެދުގައި ބާއްވަމުންދާ މި ގާތް ގުޅުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.