ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި އަދި ސަރުކާރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި މައްޗަންގޮޅީ ދޭދަރުގޭ އިސްމާއީލް ފިރާގު އަވަހާރަވެއްޖެއެވެ.

އިސްމާއީލް ފިރާގު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އިސްމާއީލް ފިރާގަކީ، ރައީސް އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހްގެ ފިރިކަލުންނެވެ. އަދި ރައީސް ސޯލިހްގެ ޅިއަނު ވެސް މެއެވެ.

އިސްމާއީލް ފިރާގު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ. އަލްމަރްހޫމް އިސްމާއިލް ފިރާގުގެ ތިއްބެވީ 2 ބޭފުޅުންނެވެ. އެއީ، އަންހެން ބޭފުޅަކާއި، ފިރިހެން ބޭފުޅެކެވެ.

އަލްމަރްހޫމް އިސްމާއިލް ފިރާގަކީ، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓަރީކަމެވެ. އޭގެފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ކަމާއި، ޕްރޮގްރާމް އެނަލިސްޓްކަން ކުރައްވާފައިވެއެވެ. އޭގެފަހުން ހިދުމަތް ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ.

ހަމައެއާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓާގެ ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

އިސްމާއިލް ފިރާގުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ، މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ. ކަށު ނަމާދުގައްޔާއި ޖަނާޒާގައި ރައިސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ.