ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގެ ދައުލަތުގެ ފާމަސޫޓިކަލް ކުންފުނި، ސީނޯފާމްއިން ތަރައްގީ ކުރަމުން އަންނަ ވެކްސިނަކީ 79.34 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް އެކުންފިން ހާމަކޮށްފިއެވެ.

ސީނޯފާމްގެ ސަބްސިޑަރީއެއް ކަމަށްވާ ބެއިޖީންގް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އިންސްޓިޓިއުޓް އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، 3 ވަނަ މަރުހަލާގެ ކުލިނިކަލް ޓްރަޔަލްތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން 2 ޑޯޒް ފުރިހަމަ ކުރި ބައިވެރިންގެ ބޮޑު އިންސައްތައެއްގެ ހަށިގަނޑުގައި ކޮވިޑް-19އާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދާފައި ވާ ކަމަށެވެ.

މި މިންގަނޑަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަންއިން ކަނޑައަޅާފައިވާ ގަވައިދުތަކާ އިންތިކަށް ފެތޭ މިންގަނޑެއް ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަންގެ ސިއްކަ ހޯދުމަށް އެދި ހުށަހަޅާފައި ވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން ކޮވިޑް-19އާ ދެކޮޅަށް ތަރައްގީ ކުރާ ވެކްސިންތައް އާންމު އުސޫލުން ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ރުހުން ދީފައެއް ނުވެއެވެ.