ކޮންމެ ދުވަހަކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މުހިންމު މައުލޫމާތުތައް މީހުންނާ ހަމައަށް ފޯރުކޮށްދޭ އެއްބަޔަކީ ނޫސްވެރިންނެވެ. ސައްހަ ހަބަރާއި މައުލޫމާތު އެންމެ ފުރިހަމަ ކަމާއެކު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވާދަވެރިކަމާ އެކު ގިނަ މީޑިއާތަކެއް މަސައްކަތް ކުރެއެވެ. ނަމަވެސް ބައެއް މީޑިއަތަކުން ފޯރުކޮށްދޭ ހަބަރުތަކަށް "ހަޖޫ" ޖަހާ އެއްޗެހި ކިޔާ މީހުން ވެސް މަދެއް ނޫނެވެ. ނުވަތަ ޝާއިއު ކުރާ ހަބަރެއްގެ ސަބަބުން އެ މީޑިއާކީ "ދޮގު ހަބަރު" ފަތުރާ ތަނެއްގެ ގޮތުގައި ލޭބަލް ވެގެން ވެސް ދެއެވެ.
ރަނގަޅަށް މައުލޫމާތު ހޯދައިގެން ބައެއް ނޫސްވެރިން މަސައްކަތް ކުރި ނަމަވެސް އަނެއްބައި ނޫސްވެރިން ހަބަރު ހެދުމުގައި "ކަންނެތް" ކަން އިސްކުރާ ކަމަށް ވިދާޅުވެ އިންފޮމޭޝަން ކަމިޝަނަރު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، ޓްވީޓުން ހަބަރު ހަދާތީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރެއްވި ކަަމަށާއި ސޯޝަލް މީޑިއާއާ އެކު ނޫސްވެރިކަމުގައި ބައެއް ނޫސްވެރިން ގެނުވި "ކަންނެތް" ކަން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ފިޔާޒް ކުރެއްވި ޓްވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި ބައެއް އާންމުން ވަނީ ފިޔާޒާ އެއްކޮޅަށް ނޫސްވެރިން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނެފައެވެ.
އަނެއް ބަޔަކު ބުނެފައި ވަނީ ނޫސްވެރިކަން ކުރާ އިރު ޖަވާބު ބޭނުންވާ އިދާރާތަކަށް ގުޅައި ހެދިޔަސް އެތަންތަނުން ޖަވާބު ނުލިބޭ މައްސަލައަކީ ނޫސްވެރިކަން ކުރާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ހުރިހާ މީޑިއާ ތަކަށް ހަމަހަމަ ކަމާ އެކު މައުލޫމާތު ފޯރުކޮށް ނުދޭތީ އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފިޔާޒް ވިދާޅުވީ، ބައެއް މުއައްސަސާތަކުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މައުލޫމާތު ނުލިބުމުން އެކަމަށް ފަރުވާކުޑަ ކޮށް ނުލައި މައުލޫމާތު ހޯދޭނެ އެކި ގޮތްގޮތަށް މައުލޫމާތު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށާއި ނޫސްވެރިންނަކީ މީހުންނާ ގުޅުން ބަދަހިކޮށް ކޮންޓެކްޓް ބާއްވަން ޖެހޭ ބައެއް ކަމަށެވެ.
ބައެއް ހާލަތްތަކުގައި ބައެއް މައުލޫމާތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި މައުލޫމާތު ނުލިބޭ އުނދަގޫ ހާލަތްތަކުގައި މައުލޫމާތު ހޯދުމަށް ލިބިފައިވާ ގާނުނީ ބާރުގެ ބޭނުން ކުރުމަކީ ނޫސްވެރިންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެގޮތުންވެސް މައުލޫމާތު ނުލިބިއްޖެ ނަމަ އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކަމިޝަނަރާ ހަމައަށް ދިއުމުން ދެވެން ހުރި މައުލޫމާތެއް ނަމަ ހޯއްދަވައި ދެއްވާނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން މައުލޫމާތު ހޯދަން އެކި މުއައްސަސާތަކަށް ގުޅުމުން ވެސް މައުލޫމާތު ނުލިބުމާއި މައުލޫމާތު ލިބޭލެއް ލަސްވުމާއި ނުވަތަ އެ މުއައްސަސާއަކުން ނުވަތަ އެ މުއައްސަސާއެއްގައި ހުންނަވާ އޮފިޝަލަކު ފޯނަށް ޖަވާބު ނުދެއްވުމުގެ މައްސަލަތަކުގެ އިތުރުން ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުދިނުމުގެ ޝަކުވާ އަކީ އަބަދުވެސް އޮންނަ ޝަކުވާއެކެވެ. އެހެންކަމުން މިއަދު ކަންނެތް ވަނީ ނޫސްވެރިންތޯ ނުވަތަ މައުލޫމާތު ފޯރުކޮށްދޭ ކަމާ ބެހޭ އިދާރާތައް ތޯ މީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.
އެބުނާ ފަދަ 'މުރާލި' ނޫސްވެރިކަން ކުރަން ދިމާވާ އަނެއް މައްސަލައަކީ ނޫސްވެރިކަން ކުރާ ފަރާތްތަކާ މެދު ގެންގުޅޭ ތަފާތު ކުރުމުގެ ސިޔާސަތެވެ. މިގޮތުން، ދައުލަތުގެ ބައެއް އިދާރާތަކުން ބައެއް ކަންކަން ކުރުމުގައި ވަކި ވަކި މީޑިއާ ތަކަކަށް އިސްކަން ދޭ މައްސަލައަކީ ވެސް ދައްކަން ޖެހޭ ވާހަކަ އެކެވެ.
ދާދި ފަހުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަނެއްގައި ނޫސްވެރިން ބައިވެރި ކޮށްފައި ވާއިރު، އެ އޮޕަރޭޝަނުގައި ބައިވެރި ކޮށްފައި ވަނީ ޕީއެސްއެމް އާއި ސަން އޮންލައިންގެ އިތުރުން ރާއްޖެ އެމްވީ އަދި މިހާރު އޮންލައިންނެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރި މައްސަލައިގައި ފުލުހުންނާ އެކު އެ އޮޕަރޭޝަންގައި ވެސް ބައިވެރި ކުރީ 2 މީޑިއާއެކެވެ. އެއީ ޕީއެސްއެމްއާއި އަވަސް ނޫހެވެ.
މީގެ އިތުރުން، މިމަހުގެ ކުރީކޮޅު ކޮމިޝަނާ އޮފް ޕޮލިސް އައްޑޫއަށް ކުރެއްވި ދަތުރެއްގައި ޕީއެސްއެމްއާއި ވަގުތު އޮންލައިންގެ ނޫސްވެރިން ސީޕީއާ އެކު ފެނުނު އިރު ފުލުހުންގެ މުއައްސަސާއިން "ހޭންޑް ޕިކް ކޮށްގެން" ބައެއް މީޑިއާތަކަށް ފުރުސަތު ދެނީ ކޮންކަމެއް ހާސިލު ކުރަންތޯ ސުވާލު އުފެދެއެވެ.
ބައެއް މުއައްސަސާތަކުން "ބޮޑުތަނުން" ބައެއް މީޑިއާތަކާ މެދު ތަފާތު ކުރުންތައް ގެންގުޅެ ޓްވިޓާގައި ސްޓޭޓަސްއެއް އަޕްޑޭޓް ކޮށްލުމަށް ފަހު އެ މުއައްސަސާއެއްގެ ވެރިއަކު ނުވަތަ މީޑިއާ އޮފިޝަލު "ފިލަނީ" އެވެ. ޓްވިޓާގައި އޮންނަ ވާހަކަ އެއްގެ އިތުރުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ހޯދަން ގުޅިޔަސް، މެސެޖް ކުރިޔަސް ޖަވާބެއް ދިނުމުގެ ބަދަލުގައި އެ ވެރިއަކު ނުވަތަ އޮފިޝަލަކު ގަޔާވާ ނޫހަކަށް އެ މައުލޫމާތެއް ދީފައި ހުންނަނީ މަދެއް ކޮށެއްވެސް ނޫނެވެ.
ދެން ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އަދުގެ ދުނިޔޭގެ އެކި އެކި ކަންކަމަށް އިންގިލާބީ ބަދަލެއް ގެނައި ކާރިސާ ކަމަށްވާ ކޮވިޑް-19ގެ ސަބަބުން ނޫސްވެރިކަމަށް ވެސް މިވަނީ ބަދަލުތަކެއް އައިސްފައި ކަމެވެ. ގިނަ ގައުމުތަކެކޭ އެއް ގޮތަށް ރާއްޖެ ވެސް ލޮކްޑައުން އަކަށް ދިޔަ އިރު ސަރުކާރުގެ އިދާރާތަކާ ކުުންފުނިތަކުން ބާއްވަމުން އަންނަ ޕެރެސް ކޮންފަރެސްތައް މިވަނީ، ކޮށްލާ ޓުވީޓަކަށް ބަދަލު ވެފައެވެ. ނުވަތަ އޮންލައިން ކޮށް ޒޫމް ފަދަ އެޕްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން ތަކަކަށް ބަދަލުވެފައެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ ކޮވިޑް-19 ގެ ސައްހަ މައުލޫމާތު ގައުމާ ހިއްސާ ކުރަމުން އަންނަ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކެވެ.
އެއީ އެކަން ވާންވީ ވެސް ގޮތެވެ. ނޫސްވެރިން އެއްތަނަކަށް ގެން ދިއުމުގެ ބަދަލުގައި މިވަގުތު އެންމެ ރައްކާތެރި ގޮތަކަކީ ވެސް ގައިދުރުކަން ބަހައްޓައިގެން ޒަމާންވީ ވަސީލަތްތައް ބޭނުން ކޮށްގެން ބަލި ނުފެތުރޭނެ ފަދަ އާދަތައް އަށަގެންނެވުމެވެ.
ސަރުކާރުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ނުވަތަ ސިޔާސީ ލީޑަރަކު ކުރައްވާ ޓުވީޓަކުން ހަބަރެއް ހެދުމަކީ 'ކަންނެތް' ވުންތޯ ސުވާލު އުފެދެއެވެ. އެއީ، އަދުގެ ހާލަތަށް ބަދަލުވެ މަސައްކަތް ކުރުމުގައި ހުރި ހުރަސްތަކާ ކުރިމަތިލުން ކަމުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ.
އެހެން ނަމަވެސް މީގެ މާނައަކީ ސޯޝަލް މީޑިއާގައި ދައުރުވާ ކޮންމެ ޓުވީޓެއް ނުވަތަ ޕޯސްޓެއްގެ ހަގީގަތް ނުބަލާ ކިޔުންތެރިންނާ ހަމައަށް ގެނެސް ދިނުމެއް ވެސް ނޫނެވެ. ނޫސްވެރިންގެ ވެސް ޒިންމާތަކެއް ވާ ހިނދު ކަމުގެ ތެދު ދޮގު ކަށަވަރު ކުރުމަކީ ނޫސްވެރިޔާ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.