ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުން އަންނަ އިނގިރޭސިވިލާތުން މިމަހު ރިޕޯޓް ކުރި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއީ 202012/01)ގެ ކޭސްތަކެއް ފެނިފައި ވާ ކަމަށް އިންޑިއާއި ޕާކިސްތާނުންވެސް ރިޕޯޓްކޮށްފިއެވެ.
މިއީ މިދެގައުމުން ވެސް މިފަދަ ކޭސްތަކެއް ފެނިގެން ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.
މިގޮތުން، ޕާކިސްތާނުގެ ސިންދުގެ ސިއްހީ އިދާރާއިން ބުނީ އިނގިރޭސިވިލާތުން އެނބުރި އައި 12 މީހެއްގެ ސާމްޕަލް ނަގައިގެން ޖީނޯޓައިޕިންގް ހެދި ހެދުމުން، 6 މީހަކު، އާ ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވާ ކަމަށެވެ.
ސިންދު ހެލްތު ޑިޕާޓްމަންޓްގެ ތަރުޖަމާނު މީރާން ޔޫސުފް ވިދާޅުވީ، ޖީނޯޓައިޕިންގް ހެދި ހެދުމުން ޔޫކޭ ވޭރިއަންޓަށް 95 ޕަސެންޓް ޕޮޒިޓިވް ކަމަށެވެ. އަދި ދެވަނަ މަރުހަލާއެއްގައި ޖީނޯޓައިޕިންގް ހެދުމަށް ހަމަޖެހިފައި ވާ ކަމަށްވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ.
މީރާން ވިދާޅުވީ ޔޫކޭ ވޭރިއަންޓަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާ، ކޮންޓެކްޓުންވެސް އައިސޮލޭޓް ކުރަމުން އަންނަ ކަމަށެވެ.
އަނެއްކޮޅުން، އިނގިރޭސިވިލާތުން ރިޕޯޓްކުރި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ގެ 6 ކޭހެއް ފެނިފައި ވާ ކަމަށް އަވަށްޓެރި އިންޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
މި ކޭސްތައް ފެނިފައި ވަނީވެސް މިއަދު ކަމަށް އެ ގައުމުން ހަބަރު ދެއެވެ.
އިންޑިއާއިން ޕޮޒިޓިވްވި 6 ކޭހަކީވެސް އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ފަހު އިންޑިއާއަށް އެތެރެވި ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކުރި ގޮތުގައި އިނގިރޭސިވިލާތުން އިންޑިއާއަށް އެތެރިވި މީހުންގެ ތެރެއިން 3 މީހަކު، ޔޫކޭ ވޭރިއަންޓަށް ޕޮޒިޓިވްވީ ކަމަށް ދެއްކީ ބެންގަލޫރުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯ-ސައެންސަސް އިން ކަމަށެވެ. އިތުރު 2 ކޭހެއް، ހައިދަރުއާބާދުގެ ސެންޓާ ފޮ ސެލިއުލާ އެންޑް މޮލެކިއުލާ ބައޮލިޖީގައި ހެދި ޓެސްޓުތަކުން ފާހަގަ ކުރެވުނު އިރު، ޕޫނާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހެދި ޓެސްޓުތަކުން އިތުރު ކޭހެއް ފެނިފައި ވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި 6 މީހުންވެސް މިހާރު އައިސޮލޭޓް ކޮށްފައި ވާ ކަމަށާ، އެމީހުން އެކަހެރި ކޮށްފައި ވަނީ އެއް ކޮޓަރިއެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވީޔޫއައި 202012/01 އަކީ އިންތިހާ ހަލުވި މިނުގައި އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ފެތުރޭ ވޭރިއަންޓެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް މިއީ ފުރާނަ ކިހާ ނުރައްކާތެރި ވޭރިއަންޓެއް ކަން އަދި ހޯދިފައެއް ނުވެއެވެ. ކަން މިހެން އޮތް އިރު، ވައިރަހަށް މި އައި ބަދަލަކީ، ވެކްސިންގެ ކާމިޔާބީއަށް އެއްވެސް އަސަރެއް ފޯރުވާފާނެ ބަދަލެއް ކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.
ޔޫކޭގެ އާ ވޭރިއަންޓާއެކު ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ބޯޑަރު، ޔޫކޭގެ ފަސެންޖަރުންނަށް ބަންދުކޮށްފައެވެ. މި ލިސްޓުގައި އިންޑިއާވެސް އޮވެއެވެ. މިހާރު އިންޑިއާއިން ފެނިގެން އުޅޭ އާ ކޭސްތަކަކީ ކޮން ދުވަހަކު އެ ގައުމަށް އެތެރެވި ކޭސްތަކެއް ކަމެއް އެ ގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ޔޫކޭ ވޭރިއަންޓާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. އަދި މައުލޫމާތު ލިބޭ ވަރަކުން ގައުމުތަކުގެ ސަރުކާރުތަކާ މިކަން ހިއްސާކުރަމުން ދާނެ ކަމުގެ ޔަގީން ކަންވެސް ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ.
ޔޫކޭ ވޭރިއަންޓަށް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ޕާކިސްތާނުން ރިޕޯޓް ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އިންޑިއާއިންވެސް ވަނީ، އެ ގައުމުންވެސް މި ފަދަ ކޭސްތަކެއް ފެނިފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ.
ޔޫކޭ ވޭރިއަންޓަށް ބީ1.1.7 ގެ ނަމުން ވެސް ނަންދީފައިވެއެވެ.