މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން ދުވަސް ނަގާނެ ކަމަށާއި މަސްވެރިކަން ކުރިއަރާ މިންވަރަށް އެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް މަޑުޖެހި ކުރި ނޭރި ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަ ދައްކަވަމުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ދިވެހި މަސްވެރިކަން ކުރި އަރައިދާ މިންވަރަށް އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ކުރިއަށް ނުގޮސް މަޑު ޖެހިފައި ތިބުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ޒަހާ ސިފަކުރެއްވިއެވެ.
އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އޮޕަރޭޝަން ފެށި އިރު މަސްވެރިކަމަށް ނުކުތް ކުދި ދޯނި ފަހަރުގެ ބަދަލުގައި މިހާރު ބޮޑެތި ދޯނިފަހަރު މަސްވެރިކަމުގައި އުޅެމުންދާ ކަަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ ދޯނި ފަހަރު ބޮޑުވެގެން ދިޔަ އިރުވެސް މިފްކޯ ކުރިއަރައި ގޮސްފައި ނުވާ ކަމަށެވެ. އަދި އެއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގިނަ ދުވަސްތައް ނަގާނެ ކަމަށެވެ.
އަންނަ އަހަރުގައި މިފްކޯ ތަރައްގީ ކުރުމަށް 530 މިލިއަން ރުފިޔާ ސަރުކާރުން އިންވެސްޓް ކުރާނެ ކަމަށް ޒަހާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ހީނުކުރާހާ ވަރުގެ ކުރިއެރުމެއް ލިބި މަސްވެރިންގެ ގިނަ ޝަކުވާތަކަށް ވެސް ނިމުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި މިފްކޯ ކުރިއަރައިގެން މަސްވެރިންގެ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށާއި ހުރިހާ ކުންފުނިތަކުން ވެސް ވާދަވެރި ކަމާއެކު މި މަސައްކަތުގައި ދެމިތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރެއިން މިހާރު ހިންގަމުން ދަނީ 2 ކުންފުނި ކަމަށް ޒަހާ ވިދާޅުވިއެވެ. އަދި ކުރިން މަސްވެރި ކުންފުންޏެއްގެ ގޮތުގައި ތަރައްގީކޮށް ހިންގި ށ. ކީކިމިނި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަން ފާށަފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ.