ރާއްޖޭގެ ވެރިކަމުގެ މަރުކަޒީކޮށް ހިންގަމުން ދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްގީ ކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑް-19ގެ އުދަނގޫ ދަތި ދަނޑިވަޅުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާއި އަތޮޅުތަކުގެ ތަރައްގީގެ މުހިންމުކަން ހާމަވެފައިވާ ކަމަށެވެ.

ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމަށް ކުރެއްވި މަސައްކަތުން، އަތޮޅުތަކުން އެ ނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މަގު ފަހިވެގެންދިއުމުން ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެ މުހިންމު އަމާޒަކީ ސިއްހީ ނިޒާމު ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިވުން ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެބޮޑު ސިޔާސަތަކީ ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަމަށާއި އެ ސިޔާސަތުގެ ދަށުން މިހާތަނަށް ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ތަރައްގީގެ މަޝްރޫއުތަކާއި، ސިއްހީ ނިޒާމާއި، ދަތުރުފަރުގެ ނިޒާމު ލާމަރުކަޒު ކުރުމުގެ މުހިއްމުކަން މިއަދު އިހުސާސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަރުހަލާގައި ވެސް ލާމަރުކަޒީ ނިޒާމު ގާއިމުކުރުމާ މެދު އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި ގާނޫނު އަސާސީގައި ލިޔެފައިވަނީ އެންމެ މާއްދާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭރު އެމްޑީޕީގެ ފަރާތުން 800 އަށްވުރެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާހުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށެވެ.

މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނު އަސާސީ އިސްލާހު ކުރަމުން ދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ހިޔާލު ތަފާތުވުންތަކާ ކުރިމަތީލާން ޖެހިވަޑައިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދުވަހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭގޮތަށް އިސްލާހު ގެނެވުނު ދުވަހެވެ.

އެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފައިވާ އިރު، އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އަޑަށް 58 ވަނަ އަހަރީ ދުވަސް ފުރުން ފާހަގަކުރުމު މުނާސަބާގައި ގެނެސްދިން ހާއްސަ ޕްރޮގްރާމެކެވެ. ރައީސް ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ވަނީ ފޮނުއްވާފައެވެ.