ރޭޑިއޯއަކީ ނެތިގެން ދާނެ މީޑިއަމްއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވަނީ ރޭޑިއޯގެ ހަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެ އެ މަނިކުފާނު ވަނީ، ރޭޑިއޯއަށް ހާއްސަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ހަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، ރައީސް ސޯލިހް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން، ލާމަރުކަޒުކުރުމުގެ ސިޔާސަތާއި، ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ހާއްސަކޮށް ނިސްބަތްވާ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް ހިއްސާކުރެއްވިއެވެ.
މި ޕްރޮގްރާމުގައި ރައީސް ސޯލިހް ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ މަނިކުފާނުގެ ބައެއް އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި އާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުސަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ހިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފައިވާ އިރު، އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އަޑަށް 58 ވަނަ އަހަރީ ދުވަސް ފުރުން ފާހަގަކުރުމު މުނާސަބާގައި ގެނެސްދިން ހާއްސަ ޕްރޮގްރާމެކެވެ. ރައީސް ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ވަނީ ފޮނުއްވާފައެވެ.