އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްއަށް ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ކޮށްފިއެވެ.

މިހާރު ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އާޒިމް އޭސީސީގެ ތަހުގީގީ އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރެއްވީ އޮކްޓޯބަރު، 2012 އިން ފެށިގެން އޭޕްރިލް 14، 2016 އާ ހަަމައަށް ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީއިން ބުނީ، އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އެއީ ރިޝްވަތު ހިފުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެކެވެ. އެގޮތުން އޭނާ 100،000 ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރުގެ ދެ ޗެކެއް އާޒިމްގެ ބޭންކް އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. އޭގެތެރެއިން އެއް ޗެކަކީ ޖޫން 2، 2015 ވަނަ ދުވަހު ޖަމާކޮށްފައިވާ ޗެއްކެއް ކަމަށާއި ދެވަނަ ޗެކަކީ ޖޫން 15، 2015 ގައި ޖަމާކޮށްފައިވާ ޗެކެކެވެ.

އެއީ އާޒިމް އިސްކޮށް ހުރެ އޭސީސީން ތަހުގީގުކުރަމުން ދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާ ކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް ދިން ރިޝްވަތުގެ ފައިސާ ކަމަށް ވެސް ޕީޖީން ބުނެއެވެ.

އެ ދެ ޗެކުގެ ތެރެއިން ފަހުން ލިބުނު 50،000 ޑޮލަރު ވަނީ އޭނާގެ ކޮއްކޮގެ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި އެއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމާލާތެއް ކަމަށް ދެއްކުމުގެ ގޮތުން، އާޒިމްގެ ކޮއްކޮގެ އެކައުންޓުން 771،000 ރުފިޔާގެ ޗެކެއް، އެސްއޯއެފްގެ އަހްމަދު އިޝްފާހަށް ދޫކޮށްފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ދެ ފަހަރެއްގެ މަތިން 50،000 ޑޮލަރުގެ ދެ ޗެކު (ޖުމްލަ 100،000 ޑޮލަރު) އަބްދުﷲ އާޒިމް ހިފާފައިވާ ކަން ސާބިތުވެފައިވާތީ، ދައުލަތުން ކުރި ރިޝްވަތު ހިފުމުގެ ދެ ދައުވާގައިވެސް ވަނީ އެ ފައިސާ އަނބުރާ ނަގައިދިނުމަށް އެދިފައެވެ.

އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި މައްސަލަ ފަޅާއެރުމުން އާޒިމް ވަނީ ތުހުމަތު ދޮގުކުރައްވައިފައެވެ. އޭރު އޭނާ ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމުގެ މަގާމުގައި ނަމަވެސް ފަހުން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.