މާލޭގައި ބޭއްވި ކާވެނި ހަފްލާއަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިއަދު އިތުރު 6 މީހަކު ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.
މި ކާވެނި ހަފްލާއިން ގިނަ ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން ކައިވެނި ކުރި ދެމަފިރިން ވެސް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އެ ދެމަފިރިންގެ ނަތީޖާ އަދި ލިބިފާވާ ކަމެއް ސާފެއް ނުވެއެވެ.
ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއަކުން 35 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފައެވެ.
ގަތްގަނޑަކަށް 120 މީހުން ބައިވެރިވި އެ ކާވެނި ހަފްލާފައި ބައިވެރިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންއަށް މިހާތަނަށް 116 މީހަކު ފާހަގަ ވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު މި ހަފްލާގައި ބައިވެރިވެފައި ވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ 4 މީހުން ހިމެނޭ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.
މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްއީއޯސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެ ސެންޓަރުން ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްއީއޯސީން ވަނީ އެފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.