ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 22މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހިނގަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި 3 މީހެއް ކަމަށެވެ.

މިއަދު 26 މީހަކު ޕޮޒިޓިވްވީ ނެގި 2،746 ސާމްޕަލްގެ ތެރެއިންނެވެ. މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 517 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 33 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13،644 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13،072 އަށް ވަނީ އަރާފައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވީ 48 މީހެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ނިޔާވި 7 މީހަކީ މި ބަލީގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.